ޖޭއެސްސީ

މާވަށު މެޖިސްޓްރޭޓް ވިޔަފާރިކުރާތީ ފިޔަވަޅު އަޅައިފި

ލ. މާވަށު އިސް މެޖިސްޓްރޭޓް އިސްމާއީލް މާހިރު ވިޔަފާރީގެ އަމަލެއް ހިންގާފައިވާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅައިފި އެވެ.

ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާވަށު އިސް މެޖިސްޓްރޭޓް މާހިރު ވައިބާ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި، އެ ގްރޫޕް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ގްރޫޕްގެ ސުޕަ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އެ އަމަލަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން ޖޭއެސްސީ އިން ވަނީ އޭނާ ސުލޫކީ މިންގަނޑާ ހިލާފުވިކަމަށް ކަނޑައަޅައި، ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އަންގައިފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުންނަށް ވިޔަފާރިކޮށް، ވިޔަފާރީގެ އެއްވެސް ކަމެއްގައި އަލީ ގޮތުން ބައިވެރިވުމުގެ އިތުރުން އާމްދަނީ ހޯދުމަށް ފަންނީ މަސައްކަތެއް ކުރުމަކީ ވެސް މަނާކަމެކެވެ.