ޖޭއެސްސީ

ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒް އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ހދ. ވައިކަރަދޫ، ގްރީންވިލާ މުހައްމަދު ނިޔާޒް މިއަދު އައްޔަން ކުރައްވައިފި އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ނިޔާޒް، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މުހައްމަދު ނިޔާޒާ ހަވާލުކުރައްވާފައެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒު މަތީ ތައުލީމު ހާސިލުކުރެއްވީ ޝަރީއަތާއި ގާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަާސިޓީންނެވެ. ނިޔާޒު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.