ޖޭއެސްސީ

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ގާނޫނު ޝާއިއު ކުރައްވާފައިވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާގަ އެވެ.

މި ބިލަށް ގެނެސްފައިވާ އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކޮށް ވަކި ކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާބެހޭ ގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާބެހޭ ގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަހުގީގުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކު ރުމުގައި ބަލާނެ މިންގަނޑުތަކަށް ގެނެވުނު އިސްލާހުތައް ހިމެނެ އެވެ.