ޖޭއެސްސީ

އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފި

ހދ. ޖުޑީޝާލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް، ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 10 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އިސްމެޖިސްޓްރޭޓް އަލީ އާދަމް ޖަމިއްޔާ އެއް އުފައްދައި އެ ޖަމިއްޔާގައި އިސްމެޖިސްޓްރޭޓް އަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަންވެސް ސާބިތުވާ ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް އުފެއްދި ޖަމިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ހަރަކާތަކަށްވާއިރު އިސްމެޖިސްޓްރޭޓްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއުރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެ ތިކަމަށް ބުނެ އިއުތިރާފުވެފައިވާތީ އާއި އެއީ ސިޔާސީ ގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ޝުއުރުތަކެއް ކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތުމުން ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް އިސްމެޖިސްޓްރޭޓް އަލީ އާދަމް ކުރިކަން ސާބިތުވާ ކަމަށެވެ.

އެހެން ކަމުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

މި މުއްދަތުގައި ހދ. ޖުޑީޝާލް ދާއިރާ ހިންގުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލްއާ ހަވާލުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.