ހަބަރު

މަޖިލީހުން ފުރަތަމަ ފަހަރަށް ފަނޑިޔާރަކު ވަކިކޮށްފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ. ފަނޑިޔާރު އިބްރާހިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ފާސް ވަނީ އެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

މެޖިސްޓްރޭޓް އިބްރާހިމް މަގާމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. މިއީ ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ވެސް މަޖިލީހަށް ފޮނުވި ފުރަތަމަ ފަހަރެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ޖޭއެސްސީން ފަނޑިޔާރުގެ މައްސަލަ ބެލުމުގެ އަމަލުކުރި ގޮތް ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފަ އެވެ. ކޮމިޓީން ވެސް ނިންމީ ފަނޑިޔާރު އިބްރާހިމް މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އޭޕްރިލް 25، 2013 ގަ އެވެ. އެއީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. އެ މައްސަލައާ ޖޭއެސްސީން މެޖިސްޓްރޭޓް ސަސްޕެންޑް ކުރީ މެއި 30، 2016 ގަ އެވެ.