އަލީ އާޒިމް

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރަން ވާނީ އެންމެ ފަހު މަރުހަލާގައި: އާޒިމް

ޖުޑިޝަރީގެ ކަންކަމަށް ފާރަވެރިވާ މުއައްސަސާ ކަމުގައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުވެލުން ބަދަލު ކުރަން ޖެހޭ ކަމަށާއި ނަމަވެސް އެ މަސައްކަތަކީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގައި ކުރަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރާއިރު އިސްލާހު ކުރެވޭނީ ފަހަރަކު ކަމެއް ކަމަށެވެ. އެ ގޮތުން ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ހުކުމްތައް އިއްވާފައިވާ ފަނޑިޔާރުން ޝަރުއީ ކޯޓުތަކުން ވަކި ކުރުމެވެ.

"އެއް އަހަރު ތެރޭގައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަދި ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރާނެ ޖުޑިޝަރީ އިސްލާހު ކުރުމަށް ބޮޑު ކަމެއް ކުރެވިއްޖެ. ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ. ފަހަރަކު މަސައްކަތެއް ކުރެވޭނީ. މިހާރު މި އޮތީ އެ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ ވަކި ހަމަތަކެއްގެ މަތިން އަދި ވަކި އުސޫލުތަކެއްގެ މަތިން." އާޒިމް ވިދާޅުވި އެވެ.

ޖޭއެސްސީގެ އެކުލެވުމާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ އެއީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ އަބަދުވެސް ވަކާލާތު ކުރައްވާ ކަމަށާއި މިއަދު ވެސް އެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ގާނޫނު އަސާސީއަށް އެ ބަދަލު ގެންނަން ވާނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބަބެއްގެ ގޮތުގައި ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ފިކުރުގެ ބަޔަކު މިއަދު އެ ކޮމިޝަނުގައި ތިބުން ކަމަށެވެ.

އާޒިމް އިޝާރާތް ކުރެއްވީ ޖޭއެސްސީގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރު ހިސާން ހުސައިނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން އިންނަވާ މަސްތޫރު ހުސްނީ އެވެ.

"އެކަމު އެއީ [ޖޭއެސްސީ ބަދަލު ކުރުމަކީ] އެންމެ ފަހު މަރުހަލާއަށް ވާން ޖެހޭ ސަބަބުތަކެއް އެބަ ހުރި. އެހެން ވާން ޖެހެނީ އެ ތަނުގައި އެ ބޭފުޅުން ނުތިއްބަވާނަމަ ލާހިކެއް ނޫން ކޯޓުތައް އިސްލާހު ކުރާކަށް. އިސްލާހު ކުރުމުގެ ވިސްނުމާއި ފިކުރުގައި ތިބޭ ބަޔަކު އެ ތަނުގައި އެބަ ތިބެން ޖެހޭ. މީގެ ކުރިން ވެސް ބަޔަކު ތިބި. އެއްވެސް ކަމެއް އިސްލާހެއް ނުވި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު ފަސް އަހަރުގެ ދައުރެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުނން ކަންކަން އިސްލާހު ކުރާނީ އެ މުއްދަތުގެ ތެރޭގައި ކަންކަން ތަރުތީބު ކުރެވިގެން އެ މަގަށް ކަމަށެވެ. އަދި އެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.

ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން، އެ ކޮމިޝަނުގައި ސިޔާސީ ބައެއް ބޭފުޅުންނާއި ފަނޑިޔާރުން ވެސް ތިއްބަވާތީ ޖުޑިޝަރީއަށް އެފަދަ ބޭބޭފުޅުންގެ ނުފޫޒުން ފޯރާނެތީ އެއީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށް ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވެ އެވެ.

މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެ ކަމަށް ވަކާލާތު ކުރައްވާފައިވާއިރު މިހާތަނަށް އަދި އެ މަސައްކަތެއް ނުފަށަ އެވެ. އޭގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށާއި ޖޭއެސްސީގައި ތިއްބަވާ އެމްޑީޕީގެ އިސް ބޭފުޅުންނަށް އަމާޒުވެފަ އެވެ.