ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި މާފުށީގައި ފޮތް ޕާކެއް

Apr 19, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ކ. މާފުށީގައި ފޮތް ކިޔަން ހާއްސަ ތަނެއް ގާއިމް ކޮށްފި އެވެ.

"ފޮތް ގުންޒަރު" ގެ ނަމުގައި ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޖެކްޓް ހިންގާފައިވަނީ ނިއު ސްޓާ ސްޕޯޓްސް ކްލަބުންނެވެ. މިއީ މާފުށީގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުން މަޑުކޮށްލާނެ ހިތްފަސޭހަ މާހައުލެއް ހޯދައި ދިނުމަށާއި ޕާކްގައި މަޑުކޮށްލާ ވަގުތަކީ ފައިދާހުރި ވަގުތުކޮޅަކަށް ހެދުމުގެ ބޭނުމުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބޭނުންކުން ބުންޏެވެ.

މާފުށީ ބަނދަރު ސަރަހައްދުގައި ހެދި މި ފޮތް ގުންޒަރުގައި އެކި އުމުރު ފުރާތަކަށް ހާއްސަ ފޮތް ހުރެ އެވެ. މިތަނުގައި ބޭރުގައި ބެންޗް ބަހައްޓައި އަދި އިންޑޯ ބައިގައި ބީން ބޭގް ބަހައްޓާފައިވާ ކަމަށް ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން ނިއު ސްޓާ ސްޕޯޓްސް ކްލަބުން ބުނި ގޮތުގައި ރަށަށް އަންނަ މީހުން ރަށުގެ ބަނދަރު ސަރަހައްދުގައި ޖާގައެއް ނެތުމުގެ ސަބަބުން އާންމު ގޮތެއްގައި ޖެހެނީ ބަނދަރު މަތީގައި ހުންނަ ކެފޭއެއްގައި މަޑުކޮށްލަން ކަމަށެވެ. އެކަމަކު މި ތަނުގެ ސަބަބުން އެ ތަކުލީފަށް ލުޔެއް ލިބިގެންދޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން މިހާތަނަށް 65 ޕްރޮޖެކްޓަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކ. އަތޮޅުގެ ތިން ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބޭންކުން ބުނެ އެވެ. މި ރަށްތަކަކީ ގާފަރު، ކާށިދޫ އަދި މާފުއްޓެވެ.