އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް ދެކުނުން މީހުން ހޯދަނީ

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުން ސިފައިންގެ ވަޒީފާއަށް މީހުން ހޯދަން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނީ ޏ. ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ އާއި އައްޑޫ ސިޓީ ހުޅުދޫ އަދި ގދ. ތިނަދޫގަ އެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

ފުވައްމުލަކުގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ފުވައްމުލައް އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. ހިތަދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ހިތަދޫ ހައި ސްކޫލުގަ އެވެ.

ސިފައިންގެ ވަޒީފާގެ ޝަރުތުތައް

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ސީޖީއީ އޯ ލެވެލް ފެންވަރު ނުވަތަ ވޮކޭޝަނަލް ސެޓްފިކެޓް
  • 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާ
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން
  • ފާއިތުވި ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތުން
  • ސިޔާސީ ޕާޓީ މެންބަރަކަށް ނުވުން
  • އިސްކޮޅު (ފިރިހެން - ފަސް ފޫޓު ފަސް އިންޗި) - (އަންހެން - ފަސް ފޫޓު ތިން އިންޗި)

ސިފައިންގެ ވަޒީފާތަކާ ގުޅޭ ގޮތުން އައްޑޫ ސިޓީ ހުޅުދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ސ. ހުޅުދޫ ފަޔާ ސްޓޭޝަންގަ އެވެ.

ގދ. ތިނަދޫގައި މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.