މޫސުން

ވިއްސާރަވެ ދެކުނުގެ އަތޮޅުތަކަށް ގެއްލުންވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދެކުނުގެ ތިން އަތޮޅަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

ރޭ ދަންވަރު ފުވައްމުލަކަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން، އެރަށު ދެ ގެ އެއްގެ ފުރާޅު ވަނީ ވަޔާ އެއްލާލާފަ އެވެ. އަދި ރަށުތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން މިހާރު ވަނީ ފުލުހުންނާއި ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ވައި ގަދަ ވުމުގެ ސަބަބަބުން ފުވައްމުލަކު ބައެއް ރުއް ގަސް ވަނީ ވެއްޓިފަ އެވެ.

އައްޑޫ ސިޓީ އަށް ކުރި ވިއްސާރައިގެ އެރަށު 24 ގެއެއްގެ ފުރާޅަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. އައްޑޫގެ މަގުތަކުގައި ވެސް ވަނީ ފެން ބޮޑު ވެފަ އެވެ. ސިފައިން މިހާރު ދަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ގދ ތިނަދޫގެ ތިން ގެއެއްގެ ފުރާޅު ވެސް ވަނީ ވިއްސާރަވެ ވަޔާ އެއްލާލާފަ އެވެ. މި ގެތަކަށް އެހީފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ. އަދި ހުޅަނގާއި ދެކުނުގެ ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަނޑިއަކު ފާސް މޭލާއި 35 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. މީގެ އިތުރުން މިއަދު ދެކުނުގެ ކަނޑުތަށް ގަދާވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.