ކްރިމިނަލް ކޯޓް

އަލީ، ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ އަސްއަދަށް ފިޔަވަޅު އަޅަނީ

Nov 28, 2021

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ޖާމިނުވި އަސްއަދު އަލީ އަށް، އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުކޮށްދިނުމަށާއި އެ މުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ އޭނާ އަށް ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް އަސްއަދު ހާޒިރުކުރި އެވެ.

މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދު ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަތަރު މަހަށް ހުއްދަ ދިނީ އެ މުއްދަތު ހަމަވުމުން އޭނާ ރާއްޖެ ގެނެސްދޭނެ ކަމަށް އިގުރާރުވެ އަސްއަދު ޖާމިނުވުމުން ކަމަށެވެ. ނަމަވެސް ޖާމިނު އެއްބަސްވުމާ އަސްއަދު ހިލާފުވެފައިވާތީ އާއި ކޯޓުން މިއަދު އަމުރުކުރި މުއްދަތުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ އަށް ނުގެނެވިއްޖެނަމަ އަސްއަދަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ގާޒީ އެންގެވި އެވެ.

ގާޒީ ވިދާޅުވި އެއްޗެއް އަސްއަދަށް ސާފުވެއްޖެތޯ ސުވާލުކުުރުމުން ޝަރީއަތުގެ މަޖިލީހުގައި އަސްއަދު ވަނީ ސާފުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެއްބަސްވި ގޮތަށް ހަތަރު މަސް ތެރޭގައި އަލީ ވަހީދު ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ހާޒިރުކޮށްފައި ކަމަށެވެ. އިތުރަށް ވާހަކަދައްކަވަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

އަސްއަދު އެހެން ވިދާޅުވުމާ ގުޅިގެން ގާޒީ ހަސަން ސައީދު ވިދާޅުވީ ދައުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަަމަށް ސުޕްރީމް ކޯޓުން އަންގާފައިވާތީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވުނު ކަމަށް ނުބެލެވޭނެ ކަމަށެވެ.

އަސްއަދަށް ފިޔަވަޅު އެޅުމާ މެދު ދައުލަތުން ދެކެނީ ކިހިނެއްތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލާ ފަރަހަނާޒު މުހައްމަދު ވިދާޅުވީ ޖާމިނު އިގުރާރާ އަސްއަދު ހިލާފުވެފައިވާތީ ދައުލަތުން މީގެކުރިން ވެސް އެދުނު ގޮތަށް އަސްއަދަށް ފިޔަވަޅު އަޅައިދިނުމަށް ދައުލަތުން އެދޭ ކަމަށެވެ.

ގާޒީ އިތުރަށް ވިދާޅުވީ 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވައިދުގެ ދަށުން އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެއީ ކޯޓުގެ އިތުބާރާއި ގަދަރު ހިފަހައްޓަން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.