ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް "ބޫސްޓާ ޑޯޒް" ޖެހުމަށް އިތުރު 100،000 އަންނަ މަހު ރާއްޖެ ގެންދާނެ ކަމަށް އެޗްއޯސީން ބުނެފި އެވެ.
މިއަދުގެ އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮވިޑްގެ މައުލޫމާޓު ފޯރުކޮށްދޭ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމާ މީހުނަށް ވެކްސިން ޖެހޭ މިންވަރަށް ފައިޒާ އެބަހުރި ކަމަށެވެ.
އަދި އިތުރު މީހުނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން އަންނަ މަހު މެދު ތެރޭގައި 100،000 ފައިޒާ ވެކްސިން ގެންނާނެ ކަމަށެވެ. މިއީ ކޮވިކްސް މެދުވެރިކޮށް ގެންނަ ވެކްސިންތަކެއް ކަމަށެވެ.
ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރުން ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.
މިހާތަނަށް އެ ވެކްސިން 1100 އަށްވުރެ ގިނަ މީހުން ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ބޫސްޓާ ޑޯޒް އަތޮޅުތެރޭގައި ފެށުމަށް މިހާރު ވެކްސިން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ރަށެއްގެ ހޮސްޕިޓަލުން އެކަން ހަމަޖައްސާނެ ކަމަށެވެ. ނަޒްލާ ވަނީ ވީހާވެސް ގިނަ ބަޔަކު ބޫސްޓާ ޑޯޒް ޖެހުމަށް އެދިލައްވާފަ އެވެ.
ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން އެޕޮއިންޓްމެންޓަކާއި ނުލައި ވެސް ތިންވަނަ ޑޯޒް ޖެހޭނެ އެވެ. އެހެން ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުންކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ.