މާލޭ ސިޓީ ކައުންސިލް އިދާރާގެ މިހާރުގެ ލޯގޯ، ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނަށް ކަމަކު ނުދިޔަ އެވެ.
މާލެ ސިޓީ ކައުންސިލް އުފެއްދި ފަހުން މިހާތަނަށް ބޭނުން ކުރަން ފެށި ތިންވަނަ ލޯގޯ ތައާރަފުކުރީ މިހާރުގެ ކައުންސިލަށް ހަމަސް ފުރުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ.
މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އާއި ގުޅިގެން މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވ ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގެ ލޯގޯ އިން ރަމްޒު ކޮށްދެނީ މާތްވެގެންވާ އިސްލާމް ދީނާއި، މާލޭގެ ދިގު ތާރީޚާއި ޒަމާންވީ ތަރިކަ އާއި ސަގާފަތް ކަމަށެވެ. މީގެ އިތުރުން ދިވެހީންގެ އަމިއްލަވަންތަކަމާއި ފަންނުވެރިކަން ވެސް އެ ލޯގޯ އިން ދައްކުވައިދޭ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެ ލޯގޯ [މިދިޔަ ދައުރުގެ ލޯގޯ] މާ ރީތި." މާލެ ސިޓީ ކައުންސިލް ޓެގް ކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވެ އެވެ.
މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ސޯޝަލް މީޑިއާގައި ބައެއް އާންމުން ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އެމީހުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ކުރީގެ ލޯގޯ އާއި ހިލާފަށް ފަހުގެ ލޯގޯގައި ދީނާއި ސަގާފަތް ރަމްޒުވާން ނެތުމުންނެވެ. މާލެ ރަމްޒުކޮށްދޭ ކަމެއް ލޯގޯ އިން ފާޅުވާން ނެތުމަކީ ވެސް ފާޑުކިޔާ މީހުން ފާހަގަކުރި މައްސަލަ އެކެވެ.
އެކަމަކު މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިހާރުގެ ލޯގޯ އަކީ މާލޭގެ ހަ އަވަށާއި އަވަށް ތަކުގެ މެދުގައި އޮތް ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ލޯގޯ އެކެވެ. އާ ލޯގޯގައި ވަކި ސިޔާސީ ޕާޓީއެއްގެ ކުލައަށް އިސްކަން ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ސިޓީ ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ.
މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ ލޯގޯ ބަދަލުކުރީ ނިމިދިޔަ ކައުންސިލްގެ ދުވަސްވަރު އެވެ. ފުރަތަމަ ލޯގޯގައި ބޭނުންކުރީ މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ މުންނާރާއި ދިވެހި ދިދަ އެވެ. ނިމިދިޔަ ކައުންސިލްގެ ލޯގޯގެ ގޮތުގައި ބޭނުންކުރީ ހުކުރު މިސްކިތުގެ މުންނާރު ފެންނަ ރަމްޒެކެވެ.