އޭސީސީ

އެންޓި ކޮރަޕްޝަން ދުވަސް: އޭސީސީގެ ބޮޑު ފާޑުކިޔުން މަޖިލިސް މެންބަރުންނަށް

ކޮރަޕްޝަން ހުއްޓުވަން މަޖިލީހުން ކުރަންޖެހޭ މަސައްކަތްތަކާމެދު މެންބަރުން އިހުމާލުވެފައިވާކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަޖިލިސް މެންބަރުނަށް މިއަދު ފާޑުކިޔައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި އޭސީސީން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރު އާމިނަތު މިންނާ ވިދާޅުވީ، ރާއްޖެއިން ކޮރަޕްޝަން ނައްތާލަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާ އެއް ކަމަށެވެ. ހާއްސަ ގޮތެއްގައި އެކަމުގައި މެންބަރުންގެ ދައުރު ބޮޑު ކަމަށާއި، އެހެން ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް އަޑުހަރުކޮށް ވާހަކަދެއްކުން ފިޔަވައި އިތުރު ކަމެއް މަޖިލީހުން ކޮށްފައި ނުވާކަމަށް މިންނާ ވިދާޅުވި އެވެ.

އާ ގާނޫނުލް އުގޫބާތު ފާސްކޮށް އެއަށް އަމަލުކުރަން ފެށިތާ ދުވަސްތަކެއް ފާއިތުވެފައިވާ އިރުވެސް، އޭސީސީގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުން އަދިވެސް ގެނެސްދީފައި ނުވާ ކަން މިންނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކީވެސް އޭސީސީގެ މަސައްކަތުގައި އެހީތެރިވުމުގެ ޒިންމާ ނަންގަވަންޖެހޭ ބައެއް. ނަމަވެސް ހިތާމަޔަކީ އޭސީސީގެ ގާނޫނަށް އިސްލާހުގެނެސް ދިނުމުގައި މަޖިލީހުން ކުރިއެރުމެއް ހޯދައިދީފައި ނުވާކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން،" މިންނާ ވިދާޅުވި އެވެ.

މިންނާ ވިދާޅުވި ގޮތުގައި އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަންފެށުމާ އެކު އޭސީސީގެ ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި ދައުލަތުގެ އެކި މުއައްސަސާތަކުގައި ތަކުރާރުކޮށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. އާ ގާނޫނުލް އުގޫބާތާ އެއް ގޮތަށް އޭސީސީގެ ގާނޫނަށް ބަދަލު ގެނެސް، ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ބޮޑު ކަން ފާހަގަކުރައްވައި މިންނާ ވިދާޅުވީ، އެ މަސައްކަތުގައި މެންބަރުންގެ އެހީތެރިކަން ނުލިބުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް އެދޭނަމަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ފަދަ ހަރުދަނާ ގާނޫނީ ނިޒާމެއް ބޭނުން،" މިންނާ ވިދާޅުވި އެވެ.

އޭސީސީއަށް މިއަހަރު ހުށަހަޅާފައިވާ މައްސަލަތަކާބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިންނާ ވިދާޅުވީ، އެކޮމިޝަނަށް މިއަހަރުވެސް އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައިވަނީ މުއައްސަސާތަކުން ނާޖާއިޒު ފައިދާ ހޯދާ މައްސަލަ ކަމަށެވެ. އެފަދަ މައްސަލަތައް އިތުރުވުމަކީ، ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ގޮސްދާނެ ކަމެއް ކަމަށް މިންނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ކޮރަޕްޝަނުން ސަލާމަތް ކުރުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް މިހާރު އަޅަން ޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރެވޭނީ މަޖިލިސް މެންބަރުންގެ ބޮލުގައި އެޅިފައިވާ ޒިންމާ އެބޭފުޅުން އަދާކޮށްގެން ކަމަށްވެސް މިންނާ ވަނީ ވިދާޅުވެފަ އެވެ.

ކޮރަޕްޝަން ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރިއަށް އޮތް ފަސް އަހަރަށް ޕްލޭންކޮށް، މިއަހަރު ތަންފީޒުކުރަން ފަށާފައިވާ ޕްލޭނަށް އިޝާރާތްކުރައްވަމުން މިންނާ ވިދާޅުވީ، އޭސީސީންގެ މަސައްކަތްތައް މިހާރު ވަނީ ކުރިއަށް ވުރެ ހަރުދަނާކޮށް ޒަމާނީކޮށްފައި ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިކޮށް، ކޮރަޕްޝަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން މިހާރަށްވުރެ ބޮޑަށް އެ މަސައްކަތްތައް ކުރާނެ ކަމަށް ވެސް މިންނާ ވަނީ ވިދާޅުވެފަ އެވެ.