އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުން ކުރުމަށް އިތުރު 20 އެމްބިއުލާންސް މިއަދު މާލެ ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަވެފައިވާތީ އެ ރަށްރަށަށް އެމްބިއުލާންސް ފޯރު ކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށެވެ އެގޮތުން ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ އިރު ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.
އޭގެ ތެެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް މިއަދު ވަނީ މާލެ ގެނެސްފައެވެ.
އެ 20 އެމްބިއުލާންސް މި ހަފްތާގެ ތެރޭގައި ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށްވެސް ބުންޏެވެ.
ސަރުކާރުން މިހާރު ދަނީ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނަކުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެގޮތް ހަދަން ތައްޔާރުވަމުންނެވެ.
ބައެއް ރަށް ރަށުގައި އެމްބިއުލާންސް ނެތިގެން ބަރޯއަށް ލައިގެން ވެސް މީހުން އުފަލަމުން ދެއެވެ. އަދި އެފަދަ މަންޒަރުތައް ވައިރަލްވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ.