ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖައްސައި އެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ގުޅުމަށް ހާއްސަ ކުއިކް ލައިނެއް ގާއިމުކޮށްފި އެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ސެޒޭޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު 17 ވަނަ ދުވަހު އެވެ.
ސިޒޭޝަންގެ ހިދުމަތަކީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ދެވޭ ހިދުމަތެކެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވީ ސެޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކުއިކް ލައިނެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އެއީ 1676 އެކެވެ.
އެޗްޕީއޭ އިން ކްއިކް ލައިންގެ ހިދުމަތް 24 ގަޑިއިރު ދިނުމަށް ނިންމާފައިވާއިރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ކްއިކް ލައިންގެ ހިދުމަތް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ސިޒޭޝިއަންގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ މުވައްޒަފުންވެސް މިހާރު ތަމްރީން ކޮށްފައިވާ ކަމަށެވެ.
"އަދި އިތުރަށް އަޅުގަނޑުމެން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ވަރަށް ގިނަ ރޭވުންތައް ރާވައި ތަރުތީބު ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ ނިކޮޓިން ޕެޗް އަދި ގަމް އާއި އެހެނިހެން ފަރުވާތައްވެސް އާސަންދަ އިން ލިބޭނެ ގޮތް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއް އެކުލަވާލުންވެސް ހިމެނެ އެވެ.