ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުންފަތުގެ ނުރައްކާ ނައްތާލަން ތެދުވާންޖެހޭ: ރައީސް

ދުނިޔޭގެ ނިސްބަތުން ބެއްޔަސް ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ގައުުމު ކަމަށާ ދުންފަތުގެ ނުރައްކާ ނައްތާލަން ދިވެހި ހުރިހާ ތެދުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދ އަތޮޅުގެ ސިއްހީ ޚިދުމަތަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ރާއްޖެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ޚާއްސަކޮށް މީގެ އަހަރުތަކެއް ކުރިން ދިވެހިން މެދުގައި ފެތުރެމުންދިޔަ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ނައްތާލެވިފައި ވުމަކީ ބޮޑު ކާމިޔާބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭރު ރާއްޖޭގެ ގިނަ ރަށްރަށަކީ ބޮޑެތި އެތައް ބަލިތަކުގެ ހާއްޔެއް. ފައިލޭރިޔާ، މެލޭރިޔާ، ޕޯލިއޯ، ކެއްސުން ބަލިފަދަ ކިތަންމެ ބައްޔެއް ދިޔައީ ރަށްރަށުގައި ފެތުރެމުން. އެ ބަލިތަކުގައި އެތައް ބަޔަކު މަރުވެގެންދިޔަ. އޭރު އެ ބަލިތަކަށް ބޭސްކުރަން ތިބި ބަޔަކީ ހަކީމީ ބޭސްވެރިން، ފަންޑިތަވެރިންނާ ދިވެހި ބޭސްވެރިން.. އެއީވެސް ވަރަށް މަދު ބައެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ދުވަސްތައް ފާއިތުވެ ވިލާތުގެ ކުރިއަރާފައިވާ ޑޮކްޓަރީ ބޭސްވެރިކަން 1970ގެ އަހަރުތަކުގައި ރާއްޖެއަށް ތައާރަފްވެގެން ދިޔަކަމަށެވެ. ސިއްހީ ދާއިރާއިން ދިވެހިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ގައިންގަޔަށް ނާރާ ބަލިތައް ނައްތާލާ ހުރިހާ ރަށެއްގައިވެސް ސިއްހީ ޚިދުމަތްދޭނެ މަރުކަޒުތައް ގާއިމުކުރުން ކަމަށާ ނަމަވެސް އަދިވެސް ރަނގަޅު ސިއްހަތަކަށް ގޮންޖެހުން ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަހަރަކު މަރުވާ މީހުންގެ ތެރެއިން 84 އިންސައްތަ މީހުން މިހާރު މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށެވެ.

"މީގެ ތެރެއިން ވަރަށް ގިނަ ބަލިތަކަކީ ދުންފަތާ ގުޅިފައިވާ ބަލިތައް. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ގައުުމު. ރާއްޖެއަށް އަހަރު ހަތަރުސަތޭކަ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ސިގިރެޓް އެބަ އެތެރެކުރެވޭ.. އެއީ އަޅިއަށް ހަދާ އިސްރާފުކުރެވޭ 1.6 ބިލިއަން ރުފިޔާ." ދުންފަތުގެ ގެއްލުން ބަޔާންކޮށްދެއްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާންމު ސިއްހަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށާ އެ ނުރައްކާ ނައްތާލަން ތެދުވަންޖެހޭ ކަމަށެވެ.

އަދި ގައިންގަޔަށް ނާރާ ބަލިތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކޮށް، ކެއިން ބުއިމުގައި ސިއްހަތަށް ފައިދާ ހުރި ގޮތް އިޚްތިޔާރު ކުރުން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރިން ގައިންގަޔަށް އަރާ ބަލިތައް ރާއްޖެއިން ނައްތާލެވުނީ ސިއްހީ ޚިދުމަތްތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާ އެކަން ކުރެވުނީ ހޭލުންތެރިކުރުވަން ދޮރުން ދޮރަށް ހިނގައިގެން ކަމަށެވެ.

"އާންމު ސިއްހަތާމެދު ހޭލުންތެރިކުރުވަން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް މިހާރު އަނެއްކާވެސް މި އޮތީ ފަށަންޖެހިފައި."

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބެއްޔަސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އިންސައްތަ އެންމެ މަތީ އެއް ގައުުމު. ރާއްޖެއަށް އަހަރު ހަތަރުސަތޭކަ ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ސިގިރެޓް އެބަ އެތެރެކުރެވޭ.. އެއީ އަޅިއަށް ހަދާ އިސްރާފުކުރެވޭ 1.6 ބިލިއަން ރުފިޔާ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ފަންސާސް އަހަރު ފުރުން ފާހަގަކުރި ނަމަވެސް އަދިވެސް ސިއްހީ ހާލަތު އޮތީ ކަންބޮޑުވާންޖެހޭ ހިސާބެއްގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއްކަން ފާހަގަކުރައްވާ ދ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތާއެކު ސިއްހީ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިމަޖަންސީ ހާލަތުގައި މާލެއަށް ބަލި މީހާ ވައިގެ މަގުން ގެންދެވޭނެ އުސޫލެއް ވަރަށް އަވަހަށް ހަމަޖައްސާވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.