ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފަ އެވެ.
އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.
އިސްލާހު ހުށަހަޅަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓާ 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާ އިން 8 ރުފިޔާއަށް މަތިކުރުމަށެވެ. އަދި މިފަދަ މުދަލުން ނަނގާ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުމަށް އިސްލާހު ހުށަހެޅުމަށްވެސް ނިންމާފައިވެ އެވެ.
މީގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މިކަމުގެ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
މީގެއިތުރުން ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެމްޕޭނެއް ފެށުމަށްވެސް ވަނީ ނިންމާފަ އެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސްގެ ޕޯސްޓްގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަންވެސް ނިންމަވާފަ އެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.