ހަބަރު

ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށައިފި

ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިދެއްވައިފި އެވެ.

ކުޑަހުވަދޫގައިި ހުންނަ ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދިނުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ހެނދުނު އެ ރަށުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ރައީސް ވަނީ ޑެންޓަލް ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު އެ ޔުނިޓް ބައްލަވާލާފަ އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފްވެެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރޭ ބޭއްވި މި ޖަލްސާގައި ރައީސް ވަނީ އެ އަތޮޅު ހޮސްޕިޓަލުގައި 25 އަހަަރު ހިދުމަތްކޮށްފައިވާ ފަރާތްތަކާއި މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކުރައްވާފަ އެވެ.

ދަތުގެ ފަރުވާ ދޭ ޔުނިޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.