ހަބަރު

އެންޑީގެ ހަނދާނުގައި ލޮލުގެ ސެންޓަރެއް ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު ޑރ. އެންޑީ އަބްދުﷲ އަބްދުލް ހަކީމްގެ ހަނދާނުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ކްލިނިކެއް ހިމެނޭ ސެންޓަރެއް ހުޅުވައިފި އެވެ.

"އެންޑީ އަބްދުﷲ އަބްދުލް ހަކީމް އޮފްތަލްމޮލޮޖީ ސެންޓަރު" ގެ ނަމުގައި މި ކްލިނިކް މިއަދު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ސެންޓަރަކީ، ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރި ސެންޓަރެކެވެ.

އެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ޒާން ލިއޮން ވިދާޅުވީ މިއީ، ޗައިނާ އެއިޑްގެ ދަށުން އެ ގައުމުން ބޭރުގައި ގާއިމްކުރި އެފަދަ ފުރަތަމަ ސެންޓަރު ކަމަށެވެ. އޭގެ ސަބަބުން ދިވެހިންނަށް ލުއި ފަސޭހަވެ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

އަދި ވިދާޅުވީ ސެންޓަރުގައި މަސައްކަތް ކުރައްވާނެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޗައިނާގެ ތަޖުރިބާކާރު ޑޮކްޓަރުން ވެސް އެ ކްލިނިކުގައި ފަރުވާ ދެއްވާނެ ކަމަށެވެ.

މި ސެންޓަރު ގާއިމް ކުރުމަށް ޗައިނާ އިން 11.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. މި ސެންޓަރުން ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޯ ފުސްވުމާއި ގުލުކޯމާ އާއި އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ ބަލިތައް ހިމެނެ އެވެ.

އެންޑީ އަބްދުﷲ އަށް ނިސްބަތްކޮށް މި ސެންޓަރަށް ނަން ދިނީ އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ލޮލުގެ ޑޮކްޓަރަށް ވާތީ އެވެ. އޭނާ ވަނީ 1964 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އެންޑީ އަބްދުﷲ އަވަހާރަވީ 2016 ވަނަ އަހަރު އެވެ.