ހަބަރު

18 މަސް ތެރޭ ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަޅަނީ

Sep 19, 2019
1

ހުޅުމާލޭގައި 18 މަސް ތެރޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ކަމަށެވެ. އެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ހޮސްޕިޓަލްގެ މަސައްކަތް ފަށާނެ ދުވަހަކާއި އެހެން ތަފްސީލްތަކެއް މިއަދު ރައީސް ނުދެއްވަ އެވެ.

އޭގެއިތުރަށް ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.