ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާ މިއަހަރު ނިންމުމަށްފަހު އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް މިއަދު ކޮމަންޑޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެެވެ.
ރައީސް ސޯލިހް މިއަދު ވަނީ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ، މެއި މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމުގައި ވިދާޅުވެ އެކަން އިއުލާން ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމީ ކަމާ ގުޅޭ ދިރާސާތަކެއް ހެއްދެވުމަށްފަހު އެ ދިރާސާގެ ނަތީޖާ އަށް ބަލާފައި ކަމަށެވެ. ދިރާސާގެ ލިޔުންވެސް ރައީސް ވަނީ މިޖަލްސާގައި ދައްކަވާލައްވާފަ އެވެ. ރައީސް މިއަދު ވިދާޅުވީ ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ކުރިއެރުން އިތުރަށް ތަފްސީލް ކޮށްދެއްވަމުން ކޮމަންޑޫގައި ރައީސް ވިދާޅުވީ މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މެއި މަހުން ފެށިގެން 32،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 13،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިގެން އެދަނީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ މުސާރަތަކަށް ފަހު ދެން ބޮޑުކުރާނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ދިރާސާތަކަށްފަހު ކަމަށް ފާހަގަކުރައްވާ ރައީސް ވަނީ އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ވާނެ ކަމުގެ އިޝާރާތެއް ކުރަައްވާފަ އެވެ. ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާއިރުވެސް ފަންނީ މުވައްޒަފުންނާއި އެ ދާއިރާގެ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުވާނެ ކަމުގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އަށް ގޮނޑި މަދުވެގެން ނޫޅޭ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮަމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް މުހިއްމު ވަނީ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމަށް އެހީތެރިވާނެ މެންބަރުން ތިބެންޖެހޭތީ ކަމަށެވެ. އެމަނިކުފާނު ބޭނުންވަނީ ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ ރައްޔިތުން ވެސް ޝާމިލްކޮށްގެން ހުރިހާ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށާއި އެހެންކަމުން ސަރުކާރާ އެކު ހުރިހާ ރައްޔިތުން ތިބުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރަން ބޭނުންވާ ކަންކަމުގެ ބައެއް އެމަނިކުފާނު މިއަދު ރިޔާސީ އިންތިހާބުގައި ތަފްސީލްކޮށްދެއްވާފައިވާނެ ކަމަށެވެ. އެއީ ހަމަ ހުންނަވާފައި ވިދާޅުވި ބަސްފުޅުތަކެއް ނޫން ކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިސަރުކާރު ދެމިތިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫއުތައް ފެށިގެން ކުރިއަށް އެދަނީ ރައްޔިތުން އިސްކަންދޭ ތަރުތީބުން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަކީ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއަށް ވާތީ ސަރުކާރުން އެ މަޝްރޫއަށް އިސްކަންދިނީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮނޑި ދިނީ އެމްޑީޕީ އަށް، ސަރުކާރަށް ކަމަށްވާތީ އެ ދާއިރާގައި އެމްޑީޕީގެ ފިކުރު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެކަން އިތުރަށް ޔަގީންކުރުމަށް ކުރިއަށް އޮތް ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.