ހަބަރު

ހެލްތު މިނިސްޓަރުކަން ކުރެއްވި އިއްޒަތްތެރިންގެ ސަމިޓު ފަށައިފި

ރާއްޖޭގައި ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ އިއްޒަތްތެރިންގެ ސަމިޓު މިއަދު ފަށައިފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި މި ސަމިޓު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޗެއާ ކުރައްވާ މި ސަމިޓަކީ ކުރީގެ ހެލްތު މިނިސްޓަރުކަން ކުރައްވާފައިިވާ ފަރާތްތަކާއެކު ރާއްޖޭގައި ބާއްވާ ފުރަތަމަ ސަމިޓެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ސިއްހީ ދާއިރާ އިތުރަށް ކުރި އަރުވަން ކުރީގެ ތަޖުރިބާތައް މުހިއްމު ކަމަށެވެ. އަދި ރާއްޖެއަށް އައިސްފައިިވާ ބަދަލުތަކަށް ބަލާއިރު ސިއްހީ ދާއިރާގެ ތަޖުރިބާ ހިއްސާ ކުރުމަށް ފުރުސަތު ފަހިވެގެން ދިއުމަކީ ދުރަށް ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް މިއަދު އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަދި ހިންގުމުގެ ގޮތުން އައިސްފަައިވާ ބަދަލުތަކަށް ވިސްނާއިރު ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ހިކުމަތްތެރި ވިސްނުމަަކާ އެކު ރައީިސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ހިޔަލުގައި މިފަދަ ތަޖުރިބާ ހިއްސާ ކުރުމަށް ފުރުސަތު ފަހިވެގެން ދިއުމަކީ ސިއްހީި ދާއިރާއަށް ދުރަށް ފައިދާ ކުރާނެ ކަމެއް ކަމުގައި އަޅުގަނޑު ކަށަވަރު ކުރަން" ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ކާމިޔާބީތަކައް ބަލައި ރާއްޖޭގެ ސިއްހީ ދާއިރާގެ ދުުރު ރާސްތާ ބައްޓަން ކުރުމަށް މަޝްވަރާތައް ކުރާނެ އެވެ.

މި ސަމިޓުގައި ރާއްޖޭގައި ކުރިން ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ފަރާތްކާއި ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ ފަރާތްތައް ބައިވެރިވެ އެވެ.