ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރާ ފަރާތްތަކާއި، ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅުމުންދާހެން ހީވާ ފަރާތްތަށް އެކަން ސިއްރު ނުކޮށް އެހެން މީހުނާ ހިއްސާ ކުރަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަތުކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރަން ކުރާ މަސައްކަތުގެ ދަށުން މިއަދު ފެށި"ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމަށް މަގުފަހިވެ ހިތް ނުތަނަވަސްވެގެންދާ ފަހަރު އެހެން މީހުނާއި އެކަން ހިއްސާ ކުރުމުން ހިތް ނުތަނަވަސްކަން ފިލައި، ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
ހާއްސަ މެހެމާނެއްގެ ގޮތުގައި ރައީސް ސޯލިހުގެ އަނބިކަނބަލުންވެސް ބައިވެރިވެ ވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ ހުރިހާ ފުރުސަތުތަކެއް ލިބިދީފައިވާ މި ޒަމާނުގައި ވެސް، ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ދައްކަން މީހުން ފަސް ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ "ކިހިނެތްހޭ" އަހާލުމުން "ރަނގަޅޭ' އާއްމު ގޮތެއްގައި ބުނެ އުޅޭ ކަމަށާއި ނަމަވެސް އެބުނާ "ރަނގަޅޭ" ގެ ފަހަތުގައިވާ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ހިއްސާ ކުރުމުގެ ޝައުގާއި ހިތްވަރު ނުހުންނަ ކަމަށެވެ.
މި ކެމްޕޭނަކީ އެއް އަހަރަށް ދިގު ދެމިގެންދާ ކެންޕޭނެކެވެ. ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރުމުގެ ސިޔާސަތުގެ ދަށުން މިހާރުވަނީ ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރެއް ވެސް ގާއިމްކޮށް އަންނަނީ ހިދުމަތްވެސް ދެމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ނަފްސާނީ ބަލިމަޑުަމަކީ ހުރިހާ ގައުމެއްގައި ވެސް އޮންނަށް ކަމެއް ކަމަށާއި ހާއްސަކޮށް އިސް މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ މިންވަރު ގިނަ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް ދިރިއުޅުމުގެ އާދަަތައް ވަކި ތަރުތީބަކުން ގެންދަން ޖެހެއިރު ބައްޔެގެ ސަބަބުންވެސް ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހި ދެއެވެ. އެހެންކަމުން ހުރިހާ އެންމަނަކީ ވެސް ސިއްހީ ގޮތުން މައުލޫމާތު މުއްސަދި ބަޔަކަށްވާން ޖެހޭނެ އެވެ.