ހަބަރު

އެފްއެސްއެފްޑަބްލިއު ހަރަކާތްތަކާ ނުގުޅެން އެދެފި

ފައުންޑޭޝަން ފޯ އަ ސްމޯކް ފްރީ ފޯ ވޯލްޑް (އެފްއެސްއެފްޑަބްލިއު) އިން ރާއްޖޭގައި ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް ހެލްތު މިނިސްޓްރީން އެދެފި އެވެ.

މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެފްއެސްއެފްޑަބްލިއު އިން، ރާއްޖޭގެ ބައެއް މީހުނާއި ކުންފުނިތަކާއި އަދި ސަރަހައްދީ ބައެއް ޖަމާއަތްތަކާ ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ދިރާސާތައް ކުރުމުގެ ނަމުގަ އާއި ސީ.އެސްއާރު ހަރަކާތްތަކުގެ ނަމުގަ އާއި ދުންފަތް ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ހަރަކާތްތައް ހިންގާފައިވާ ކަމާއި އަދި ހިންގުމަށް ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދުންފަތަކީ، ކޮންމެ ގޮތަކަށް ތައްޔާރުކޮށް ކޮންމެ ގޮތަކަށް އަދި ކޮންމެ މިންވަރަކަށް ބޭނުން ކުރި ނަމަވެސް އާއްމު ސިއްހަތަށް އޮތް ހުރަހެއް ކަމަށާއި އަދި އެއީ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅޭ މައިގަނޑު އެއް ސަބަބު ކަމަށެވެ. އަދި ދުންފަތުގެ އެއް ބާވަތް އަނެއް ބާވަތަށްވުރެ ރައްކާތެރިކަމަށް ނުވަތަ ގެއްލުން ކުޑަ ކަމަށް ދެއްކުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރާ ކަމަށާއި އެހެން ކަމުން އެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އެދޭ ކަމަށެވެ.