ރައީސް މުހައްމަދު ނަޝީދު

ދިރިހުރުމަށް އެދޭތީ ރައްކާތެރިކަން ބޭނުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުން ގެންދާ ސެކިއުރިޓީގެ ސަބަބުން އާންމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށާ ނަމަވެސް ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނުވެސް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރަގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ޓީވީ ޗެނަލްތަކުން ވަގުތުން ގެނެސްދިން ޕްރަގްރާމްގައި އާންމުންގެ މީހަކު ވަނީ ރައީސް ނަޝީދު އެމަނިކުފާނުގެ އާއިލީ ގެކޮޅަށް ކުރައްވާ ޒިޔާރަތާއި ގުޅިގެން ކޮންމެ ދުވަހަކު ދެތިން ހަތަރު ގަޑިއިރަށް ކެނެރީގެއާ ގުޅިފައިވާ މަގުތައް ބަންދުކުރާތީ އާންމުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އެއީ އާންމުންނަށް ކުރައްވާ "އުނދަގުލެއް" ނޫންތޯ ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. މެއި ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އައު ކުރައްވާ ނަޝީދު ވިދާޅުވީ އެ ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ކިރިޔާ ކަމަށެވެ. އަދި ދައުލަތުގެ ބާރުގެ ވެރިން ޓެރަރިޒަމް ޝިކާރައަކަށް ދޫކޮށްލަން ރައްޔިތުން އެދޭތޯ އެމަނިކުފާނު އެއްސެވިއެވެ.

ނަޝީދު ވިދާޅުވީ ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނުވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. އަދި އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ބަޔަކަށް އުނދަގޫތަކެއްވެސް ވާކަށް. އަހަން ޖެހޭ މި ސުވާލަކީ، އަޅުގަނޑު ދޫކޮށްލާ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަފަނޑިޔާރު ނޫނީ އެހެން ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ދޫކޮށްލުން އެއީ ދިވެހިރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި މި ދައުލަތް އޭގެ ހައިބަތާ އެކީގައި ހިންގުން އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް. އަޅުގަނޑު މާފަށް އެދެން. އެހެން ނަމަވެސް އަދި އަޅުގަނޑުވެސް ދިރިހުރުމަށް އެދޭތީ އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުވެސް އެދެން އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން. އަދި އަޅުގަނޑު ބޭނުމެއް ނުވޭ އެހެން ބަޔަކަށް އުނދަގޫތަކެއްވެސް ވާކަށް. އަހަން ޖެހޭ މި ސުވާލަކީ، އަޅުގަނޑު ދޫކޮށްލާ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ އުއްތަމަފަނޑިޔާރު ނޫނީ އެހެން ބޭފުޅެއް އެއީ ޓެރަރިޒަމްގެ ޝިކާރަކަށް ދޫކޮށްލުން އެއީ ދިވެހިރައްޔިތުންގެ މަސްލަހަތު ހުރި ގޮތްތޯ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި މި ދައުލަތް އޭގެ ހައިބަތާ އެކީގައި ހިންގުން އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް. އަޅުގަނޑު މާފަށް އެދެން. އެހެން ނަމަވެސް އަދި އަޅުގަނޑުވެސް ދިރިހުރުމަށް އެދޭތީ އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބޭނުން،
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރީން ހުންނެވީ އަގުބޮޑު ހޮޓެލް ޖެންގައެވެ. ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާ ވަނީ ހަރަދުކުރައްވާފައެވެ.

މުރައިދޫގައި ހުންނެވި ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނުގެ މައިންބަފައިން ދިރިއުޅުއްވާ ކެނެރީގެއަށް ވަޑައިގަންނަވައެވެ. އެ ވަގުތާއި ދިމާކޮށް ކެނެރީގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ވަރުގަދަ ކުރެއެވެ. އާންމުންނަށް ނުވަދެވޭ ބޮޑު ސަރަހައްދެއް ބަންދުކުރާތީ އާންމުން އަބަދުވެސް ޝަކުވާ ކުރެއެވެ.