ޑިފެންސް މިނިސްޓްރީ

މުއުތަސިމާއި ނަޝީދުގެ 12 ދަތުރެއްގެ ސެކިއުރިޓީ ބެލެހެއްޓި

Oct 22, 2022

މިދިޔަ އަހަރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ކުރެއްވި 12 ދަތުރުފުޅެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ހާމަކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ އަހަރީ ރިޕޯޓްގައިވާ ގޮތުން މީގެ ތެރޭގައި އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުތަކާއި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތައްވެސް ހިމެނެ އެވެ.

އަހަރީ ރިޕޯޓްގައި ރައީސް ނަޝީދާއި މުއުތަސިމު ކުރެއްވި ދަތުރުފުޅުތަކުގެ ސެކިއުރިޓީ ބަލަހައްޓާފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވަނީ އެއްކޮށެވެ.

ރިޕޯޓްގައިވާ ގޮތުން ރާއްޖެއިން ބޭރުން ވަޑައިގެންނެވި 19 އިއްޒަތްތެރިއެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވެ އެވެ. ދައުލަތުގެ ވަޒީރުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކާއި އަތޮޅު ތެރެއަށް ކުރެއްވި 49 ދަތުރުފުޅެއްގެ ސެކިއުރިޓީ ވެސް އެމްއެންޑީއެފް އިން ބަލަހައްޓާފައިވެ އެވެ.

މިދިޔަ އަހަރު މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއްވެސް ދީފައިވެ އެވެ. މިހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން މިދިޔަ އަހަރު ގައުމީ ފެންވަރުގަ އާއި އެމްއެންޑީއެފްގެ ފެންވަރުގައި ސިފައިން ބައިވެރިވި އެންމެ މުހިއްމު އެއް އޮޕަރޭޝަނަކީ މޭ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޮޓޯކޭޑްގައި ގެންދިއުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމެވެ.

މީގެއިތުރުން 2021 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނާއެކު ރާއްޖެ އައި ސެކިއުރިޓީ އޮފިސަރުންނަށް އެރުވުނު ހަތިޔާރު އުފުލުމުގެ ވަގުތީ ހުއްދަތަކުގެ ތަފްސީލް ވެސް މި ރިޕޯޓްގައި ހާމަކޮށްފަ އެވެ.

ހަތިޔާރު އުފުލުމުގެ ވަގުތީ ހުއްދަ ދޫކުރި ބައެއް ދަތުރުތައް

  • އަޒަރުބައިޖާންގެ ރައީސް ހިޒް މރ. އިލްހާމް އަލިޔެވްގެ ދެކަނބަލުންގެ ދަތުރުފުޅު
  • އެމެރިކާގެ ހާއްސަ ވަފްދެއް އޮޕަރޭޝަނަކަށް ރާއްޖެއަށް ކުރި ދަތުރު
  • ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅުންގެ ދަތުރުފުޅު
  • ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ޕްރެޒިޑެންޝަލް އެފެއާޒް، ޝެއިހް މަންސޫރު ބިން ޒާޔެދް އަލްނަހްޔާންގެ ދަތުރުފުޅު
  • އިކުއެޓޯރިއަލް ގިނީގެ ނާއިބް ރައީސްގެ އާއިލާގެ ދަތުރުފުޅު
  • ގެބޮނީސްގެ ރައީސް އާއިލާއާއެކު ކުރެއްވި ދަތުރުފުޅު
  • ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ދަތުރުފުޅު

ޑިފެންސް މިނިސްޓްރީގެ އަހަރީ ރިޕޯޓްގައި 2021 ވަނަ އަހަރު އެމްއެންޑީއެފްއާ ގުޅުންހުރި ގިނަ ކަންކަން ހިމަނާފައިވެ އެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ އަދި ދިރިއުޅުއްވާ ތަންތަނާއި ދަތުރުފަތުރާއި އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަނީ ޕްރެޒިޑެންޝަލް ގާޑްސް އިންނެވެ. ރައީސް އާއި ރައީސްގެ އާއިލާ ފިޔަވައި ދައުލަތުގެ އިސްވެރިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އިއްޒަތްތެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުންނެވެ.