އަހުމަދު އުޝާމް

މާރިޔާ ގާނޫނާއި ހިލާފުވެއްޖެ، ވަކިކުރޭ: އުޝާމް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގާނޫނާއި ހިލާފުވެފައިވާ ކަމަށާ އެކަމަނާ މަގާމުން ވަކިކުރަން ޖެހޭ ކަަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ރައީސް ނަޝީދަށް ސިފައިން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ފޫދުއްވާލާ އެމަނިކުފާނަށް ހަމަލާދެވުނު ސަބަބު ދެނެގަތުމަށް 241 ކޮމެޓީން ކުރިއަށް ގެންދިޔަ "ޕާލިމަންޓަރީ އިންކުއަރީ" ގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. 241 ކޮމެޓީގެ މަސައްކަތްތަކަށް ތައުރީފު ކުރައްވާ އުޝާމް ވިދާޅުވީ މުޅި ރިޕޯޓުންވެސް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންކުއަރީގައި ދައްކަވާފައިވާ ވާހަކަތަކަށް ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާއެއްދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން މަޖިލީސް މެންބަރަކު މިނިސްޓަރު މާރިޔާއަށް ގުޅުއްވުމުން މެންބަރު ދެއްވީ މައުލޫމާތެއް ނޫން ކަމަށާ އެއީ ފޯން ކޯލެއް ކަމަށް އެކަމަނާ ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އުޝާމް ވިދާޅުވީ މާރިޔާގެ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާ އެކަމަނާ އެ ހުންނެވީ ގާނޫނާއި ހިލާފުވެވަޑައިގެންފައި ކަމަށެވެ.

"މުޅި މި ރިޕޯޓަށް ބަލާއިރުވެސް އިއްޒަތްތެރި ރައީސް އަޅުގަނޑަށް ފާހަަގަކުރެވުނު އެންމެ މުހިންމު ކަމަކީ ޑިފެންސް މިނިސްޓަރު މި ކޮމެޓީއަށް ދެއްވާފައި ހުރި މައުލޫމާތު. ޑިފެންސް މިނިސްޓަރު ވާހަކަދައްކަވަމުން މި ކޮމެޓީގައި ވިދާޅުވެފައި އެބައޮތް 'އިލްޔާސްގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯން ކޯލް އެއް ކަމަށް، މައުލޫމާތެއް ނޫން' ކަމަށް. ރައީސް ނަޝީދަށް ދޭ ހަމަލާއަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތު އެރުވީމާ ޑިފެންސް މިނިސްޓަރު ވިދާޅުވި ވާހަކަ މިއީ 241 ކޮމެޓީގައި. އިއްޒަތްތެރި ރައީސް މިއީ ކޮންކަހަލަ ވާހަކައެއްތޯ. މިއީ ކޮންކަހަލަ ޒިންމާދާރުކަން ކުޑަ ވާހަކައެއްތޯ. މިއީ ގައުމެއްގެ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވާ ބޭފުޅަކު ދައްކަވައިގެން ވާނެ ވާހަކަތަކެއް ނޫން. ހަމައެކަނި މިވާހަކައަށް އެކަނި ބަލާލިކަމުގައިވިޔަސް ޑިފެންސް މިނިސްޓަރު އެ ހުރީ ގާނޫނާއި ހިލާފުވެފައި. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރު އެ ހުންނެވީ ގާނޫނާއި ހިލާފުވެފައި،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މަގާމުގައި ތިއްބަވާނަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާ އަދި އިހުމާލުވެއްޖެނަމަ ފިޔަވަޅު އަޅަންވެސް ޖެހޭނެ ކަމަށެވެ. މިނިސްޓަރު މާރިޔާގެ ވާހަކަތަކުން އެކަމަނާއަކީ ޑިފެންސް މިނިސްޓަރު ކަމަށް މިއަދު ކުފޫ ހަމަވާ ބޭފުޅެއް ނޫންކަން ހާމަވެއްޖެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

"މި ވާހަކައަށް އެކަނި ބަލާލިނަމަވެސް ސާބިތުވާ ކަމަކީ އިއްޒަތްތެރި ރައީސް މާރިޔާ ދީދީ އަކީ ޑިފެންސް މިނިސްޓަރު ކަަމުގެ މަގާމުގައި ހުރުމަށް މިއަދު ކުފޫހަމަވާ ބޭފުޅެއް ނޫންކަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން މިހިސާބަށް ދިޔައީމަ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވަން ޖެހޭ. ސަރުކާރުން އެެބަޖެހޭ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކުރައްވަންވެސް،"

އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

"އިލްޔާސް ލަބީބް ވިދާޅުވީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭ ކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ ފުލުހުންނާ ތިވާހަކަ ހިއްސާ ކުރައްވާށޭ. އެ ނިމުނީ. މާ ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މައުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ ދެންނެވީ އެ ވާހަކަ އަށް އާނ. ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ. އެކަމަކު ރައީސް އަށް ބަލައްޗޭ ވިދާޅުވިީ، އެންމެ ފަހުންވެސް. އެއީ އަޅުގަނޑު ހަނދާން ހުންނަ ގޮތަކީ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ އެންމެ ބޮޑު އިހްމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މެންބަރު އިލްޔާސް ހުށަހެޅުއްވި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމެވެ. ކޮމިޓީއަށް ހާޒިރު ކުރި ސިފައިންގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ފަރާތުން ވެސް، މިނިސްޓަރު މާރިޔާ އަށް ލިބުނު މައުލޫމާތު ހިއްސާކުރައްވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މިނިސްޓަރު މާރިޔާ އެގޮތަށް އަމަލުކުރީ އެއީ "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އެކަމަނާ އިންކުއަރީ އަށް ވިދާޅުވެފައިވެ އެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯން ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ މީހެއްގެ ނަމެއް ނުވަަތަ ފޮލޯ ކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ،"

މިނިސްޓަރު މާރިޔާ އަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ "މައުލޫމާތު" ކަމަށް މިނިސްޓަރު މާރިޔާ ގަބޫލުނުކުރެއްވި ނަމަވެސް ރިޕޯޓްގައި ބުނެފައިވަނީ އެއީ މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ މިނިސްޓަރު މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ފަދަ މައުލޫމާތުތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.