މާރިޔާ އަހުމަދު ދީދީ

ބޮމުގެ ހަމަލާގައި އަޅުގަނޑު ފެއިލްވި ކަމަކަށް ގަބޫލެއް ނުކުރަން: މާރިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ވަޒީރުގެ ހައިސިއްޔަތުން ފެއިލްވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ ވަޒީރު ކަމުގައި މާލޭގައި ބޮމެއް ގޮއްވައި، އެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުނުވުމަކީ ފެއިލްވުންކަމަށް ގަބޫލުނުކުރައްވަންތޯ ސުވާލު ކުރައްވާފަ އެވެ.

"އަޅުގަނޑު ފެއިލްވި ކަމަށް، އަޅުގަނޑު ގަބޫލުކުރޭތޯ އެހެން އައްސަވާފައިވާތީ އަޅުގަނޑު ދަންނަވަން، އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑު ގަބޫލެއް ނުކުރަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާ ކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ ވަޒީރަކު ފެއިލްވީ ކަމަށް ގަބޫލުކުރެވޭނަމަ އެ ވަޒީރަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނީ މޭ ފަހެއް، 2021 ވަނަ ދުވަހުގެ ރޭ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެވުނު ގިނަ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ނުދެއްވަ އެވެ.