ރައްޖެއިން އިސްރާއިލާ ގުޅުން ގާއިމުނުކުރުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.
ސައުދު މިކަމަށް ގޮވާލެއްވީ ތުރުކީގެ ވެރިރަށް އަންކާރާގައި މިހާރު ކުރިއަށްދާ ލީގު އޮފް ޕާލިމެންޓޭރިއަންސް ފޯ އަލް ގުދުސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.
ލީގު އޮގް ޕާލަމަންޓޭރިއަންސް ފޯ އަލް ގުދުސްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ޕާލިމެންޓްގެ ބޭފުޅުން ހިމެނޭއިރު އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ ސައުދު އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ ފަަލަސްތީނުގެ ވެރިރަށަކަށް ވާން ޖެހޭނީ ގުދުސް ކަމަށެވެ. އަދި ފަލަސްތީނަށް ސުލްހަ ލިބޭތޯ މުޅި ރާއްޖެއިން ދުއާ ކުރާ ކަމަށެވެ.
ސައުދު ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުންނާއި ސުލްހަ އަށް ލޯބިކުރާ ގައުމުތަކުން ވެސް ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށާއި ހުރިހާ އެންމެނަށް ވެސް އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން ސީރިއަސްކޮށް މަސައްކަތް ކުރުމަށް އދ، އީޔޫ އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)އަށް ސައުދު ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން މިނިވަންކަމާއެކު އަމިއްލަ ވެރިކަމެއް ކުރަމުންދާއިރު ފަލަސްތީނުގެ މީހުން މި ތިބެނީ ގެދޮރު ނެތި ވަންނާނެ ތަނެއް ނެތިފައި. އަދި އެކި ތަންތަނުގައި އުޅެން ޖެހި އިންސާނީ އަސާސީ ހައްގުތަކުން މަހުރޫމްވެފައި" ސައުދު ވިދާޅުވި އެވެ.
އިސްލާމީ ބައެއް ގައުމުތަކުން އިސްރާއިލާ ގުޅުން ގާއިމްކުރަމުންދާތީ ވެސް ސައުދު ފާޑު ވިދާޅުވި އެވެ. ސައުދު އެކަން ސިފަކުރެއްވީ އިސްރާއިލުން ފަލަސްތީނު އަޅުވެތިކުރުމުން ދޭ ހަދިޔާއެއްގެ ގޮތުގަ އެވެ. އެހެންކަމުން އިސްލާމީ އެއްވެސް ގައުމަކުން އިސްރާއިލާ ގުޅުން ގާއިމު ނުކުރަން ވެސް އެދިވަޑައިގެންނެވި އެވެ.
"އިސްލާމީ ގައުމުތައް ވެސް މިހާރު ދަނީތާ އިސްރާއީލާ ގުޅުން ގާއިމުކުރަމުން. އެކަމަކު ރާއްޖެއިން އެކަން ކޮށްގެން ނުވާނެ. އިސްރާއިލާ ގުޅުން ގާއިމުކުރުމަކީ ފަލަސްތީނުގެ މައްސަލަ އަކީ އެއްވެސް މުހިންމު ކަމެއްގެ ގޮތުގައި ނުދެކުން." ސައުދު ވިދާޅުވި އެވެ.