އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށާއި އިޒްރޭލާ ގުޅޭ ވިޔަފާރިތައް ރާއްޖެއިން ބޮއިކޮޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ގޮވާލައިފި އެވެ.
އިޒްރޭލު މީހުން ރާއްޖެ އައުން މަނާކޮށް އެގައުމުގެ އުފެއްދުންތައް މަނާކުރުމަށް މެންބަރުން ގޮވާލީ އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވަނީ އިޒްރޭލުން ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް އަމަލުތައް ހިންގަމުންދާކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ހަނގުރާމައިގައި ބޭނުންކުރުން މަނާ ހަތިޔާރުތައް އިޒްރޭލުން ބޭނުންކޮށް ހޮސްޕިޓަލްތަކާއި ސްކޫލުތަކަށް ހަމަލާ ދެމުންދާ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އިޒްރޭލުން ހިންގަނީ ގަތުލްއާންމެއް: އިބްރާހީމް ރަޝީދު
ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާއަކީ ގަތުލްއާންމެއް ކަމަށާއި އެކަމަށް އިތުރު ތަހުގީގެއް ބޭނުންނުވާނެ ކަމަށެވެ.
"ވިހާ ކޮޓަރީގައި އޮންނަ އަންހެނަކަށް ހަމަލާދީ ނުވަތަ އެތަނަށް ބޮން އަޅާ ސްކޫލުތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކަށް ބޮން އެޅުމަކީ ހަނގުރާމައެއް ނޫން. އެއީ ގަތުލްއާންމެއް،" އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
އިޒްރޭލުން ކުޑަކުދިން މަރަމުންދާއިރު ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ވާހަކަ އެންމެ އަޑުހަރުކޮށް ދައްކަމުންދާ މީހުން ކަންބޮޑުނުވާ ކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ފަލަސްތީނަށް ހަމަލާދިނުމަށް އިޒްރޭލަށް އެކި ގައުމުތަކުން އެހީތެރިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިވެހިންގެ އެއްވުންތަކުން އިޒްރޭލަށް އެނގުންވެއްޖެ: މުހައްމަދު ރާއީ
ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ދިވެހިންނަށް ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
އެގޮތުން ބޭއްވި އެއްވުންތަކުން އިޒްރޭލަން އެނގުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެ ކުޑަޔަސް، ބައި މަދަސް ގައިމުވެސް އިޒްރޭލަށް އެނގުން ވެގެންދިޔަކަން އަޅުގަނޑުމެންނަށް މީގެ ދެތިން ދުވަސް ކުރިން އެނގިއްޖެ. އިޒްރޭލުން އެމީހުންގެ ރައްޔިތުންނަށް އަންގައިފި ރާއްޖެއަށް ދަތުރު ނުކުރަން،" ރާއީ ވިދާޅުވި އެވެ.
އިޒްރޭލާ ދެކޮޅަށް ސަރުކާރުގެ ބޭފުޅުންނާއި ސިޔާސީ ލީޑަރުންނަށް ގިނަ ކަންތައްތަކެއް ކުރެވޭނެ ކަމަށާއި ނަމަވެސް ފެންނަނީ ސިޔާސީ މަންފާއަކަށް ޓްވީޓެއްކޮށްލާ ތަން ކަމަށް ރާއީ ވިދާޅުވި އެވެ.
"ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އެކަންތައްތައް ކުރެވޭ ބޭފުޅުން ކޮންމެ ދުވަހަކު އެއްފަހަރު ޓްވީޓެއް ޖަހާލާ ނޫނީ ނޫހަކަށް ބަސްތީ ގަތުމެއް ދިނުމަށްވުރެ އެމީހުންނަށް މާ ގިނަ ކަންތައްތައް ކުރެވޭނެ،" ރާއީ ވިދާޅުވި އެވެ.
އިޒްރޭލަށް ތާއީދުކުރާ ދިވެހިންގެ މައްސަލަ ބަލަން ޖެހޭ: ހުސައިން ފިރުޝާން
ގަރާރުގެ ބަހުސްގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ ދިވެހިންގެ ތެރެއިން ބަޔަކު އިޒްރޭލަށް ތާއީދުކުރާ ކަމަށާއި އެކަންކަން ބެލެންޖެހޭނެ ކަމަށެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ ޔަހޫދީ ޕާސްޕޯޓުގައި ރާއްޖެ އައިސް ހިތްހަމަ ޖައްސާލުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އިޒްރޭލުގެ އުފެއްދުންތަކާއި އިޒްރޭލުގެ ހިއްސާ އޮންނަ ވިޔަފާރިތައް ރާއްޖޭގައި ހިންގުމަކީ ހިތްރުހޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފޮރިން ޕޮލިސީ މިހާރަށްވުރެ ހަރުކަށިވާންޖެހޭ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
އިޒްރޭލަކީ ޓެރަރިސްޓް ސްޓޭޓެއް: މޫސާ ސިރާޖު
ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ ހަނގުރާމައިގައި ކުރުން މަނާ ކަންކަމާއި މަނާ ހަތިޔާރު އިޒްރޭލުން ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"އިޒްރޭލަކީ ޓެރަރިސްޓް ސްޓޭޓެއް. ޓެރަރިސްޓް ޖަމާއަތެއް. އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވޭނެ ގޮތްތަކެއް ދުނިޔޭން އެބަ ހޯދަންޖެހޭ،" ސިރާޖު ވިދާޅުވި އެވެ.
އިޒްރޭލުން ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގަމުންދާތަން ފެންނަ ކަމަށާއި އެގޮތުން ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާފައިވާއިރު ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް ބޮން އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހަމަލާ ދެމުންދާ ކަމަށް ވިދާޅުވެފަ އެވެ.