ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރުމުން ފަލާހުގެ ފާޑުކިޔުން އެމްޑީޕީއަށް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެއްވެސް މީހަކު އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސްގައި ފަލާހު މިއަދު ވިދާޅުވީ ފަލަސްތީނާ ދެކޮޅަށް މި ފަހުން އިޒްރޭލުގެ އަނިޔާވެރިކަން ފެށުނީ އޮކްޓޫބަރު 2023 ގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގަރާރަކުވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރެވޭނެ އެވެ.

"ހާއްސަ ގޮތެއްގައި ބޭނުންފުޅިއްޔާ އޭރުގެ ރައީސުލްޖުމްހޫރިއްޔާއަށްވެސް ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރެވިދާނެ،" ފަލާހު ވިދާޅުވި އެވެ.

މީކާއީލްއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް މެންބަރެއްކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ނިމިދިޔަ މަޖިލީހަށްވެސް މި ބިލް ހުށަހެޅެން އޮތް ކަމަށެވެ.

"އެ ބޭފުޅުންގެ ޕާލަމެންޓްގެ 60 އެތައް މެންބަރުންނެއް ނިސްބަތްވެ ވަޑައިގަންނަވާއިރު އެ ދުވަހުވެސް މައްސަލަ ހުށަހެޅުނީސް،" ފަލާހު ވިދާޅުވި އެވެ.

މި ބިލަކީ މުހިންމު ބިލެއްކަން ފާހަގަކުރައްވާ ފަލާހު ވަނީ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް މި މައްސަލަ އަވަސްކުރުމަށް މި ބިލް މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވާފަ އެވެ.

ފަލާހު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ރާއްޖެއިން ކަމަށެވެ.