އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަން ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނަށް ނުކެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
މެންބަރު ނާޒިލް މިހެން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިލް ވިދާޅުވި ގޮތުގައި މަޖިލީހުން މިއަދު ފެނިގެންދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީއަށް އެއްޗެއް ބުނަން ނުކުރޭ މަންޒަރެވެ.
"(ބަހުސްގައި) މެންބަރަކު ވާހަކަ ދައްކަން ބޭނުންފުޅުވެގެން (ޕޯޓަލްގައި) ފިއްތާލާފައި ދެން އަންނަ މެސެޖަކުން އަނެއްކާ އެ މެންބަރު އެ ޑިލީޓްކޮށްލާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ މި ޕޯޓަލް އިން މިއަދު،" ނާޒިލް ވިދާޅުވި އެވެ.
މި ބިލަށް ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް ބަހުސްކުރަން ނުކެރުނު ނަމަވެސް އެމްޑީޕީން މިކަމުގައި ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮލުފޮށާ އަޅައިގެން ކަރު ފޮށާ އަޅައިގެން މިތާ ތިބި ބޭފުޅުން ދުށިން. މިއަދު ކޮބާތޯ އެ ފޮށާގަނޑު އިއްޒަތްތެރި ރައީސް؟ ފޮށާއެއް ވެސް ނޯންނާނެ މިކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ވެސް ނުކެރޭނެ،" ސަރުކާރުގެ މެންބަރުންނަށް ނިސްބަތްކުރައްވާ ނާޒިލް ވިދާޅުވި އެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހަޅުއްވާފައިވާތީ ނާޒިލް ވަނީ މި ބިލް އެ ކޮމިޓީއަށް ފޮނުވަންޖެހެނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ.
މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މި މައްސަލަ ފޮނުވައިފިނަމަ ހަފުތާއެއްގެ ތެރޭގައި މައްސަލަ ނިންމާ މަޖިލީހަށް އަނބުރާ ފޮނުވާލެވޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.
"ޕާކުކޮށްލާފައި ކުރިއަށް އޮތް ފަސް އަހަރު 241 ކޮމިޓީގައި ބާއްވަންތޯ ތިބޭފުޅުން ބޭނުންފުޅުވަނީ،" ނާޒިލް ވިދާޅުވި އެވެ.
އޭނާ ވަނީ ބިލް ފޮނުވާނެ ކޮމިޓީއެއް މަޖިލީހުގެ ރައީސްއަށް ނިންމޭނެކަން ފާހަގަކުރައްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ބަހުސްގައި ޕީއެންސީގެ ބައެއް މެންބަރުން ވަނީ ނިމިދިޔަ ސަރުކާރުގައި އިޒްރޭލު ޕާސްޕޯޓް މަނާކޮށްފައިނުވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
ފާޑުކިޔުންތަކަށް ރައްދު ދެއްވާ ނާޒިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންވެސް ޕާސްޕޯޓް މަނާކުރެވޭނެ ކަމަށެވެ.
"(މި ސަރުކާރަށް) ހަތް މަސް ދުވަސްވެގެން މިދިޔައީ. ކީއްވެގެންތޯ ނުކުރެވުނީ؟ ކުރެވޭނެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންވެސް ކުރެވޭނެ އެކަން،" ނާޒިލް ވިދާޅުވި އެވެ.