ގާސިމް އިބްރާހިމް

އިޒްރޭލު ޕާސްޕޯޓް އޮތް ކޮންމެ މީހަކު ހުއްޓުވާ ބިލާ ގާސިމް ދެކޮޅު

އިޒްރޭލު ޕާސްޕޯޓް އޮންނަ ކޮންމެ މީހަކު ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ދެކޮޅު ހައްދަވައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން ހުއްޓުވުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ގާސިމް އިބްރާހީމް ވަނީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށްވެސް ރާއްޖެ ނާދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން އެމްޑީޕީން ހުށަހަޅާފައިވާތީ އެކަން ފާހަގަކުރައްވާފަ އެވެ.

ބަހުސްގައި މީކާއީލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ދިރާސާކުރަންޖެހޭ ވަރަށް ދިރާސާނުކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މައްސަލަ ހުށަހެޅުއްވިއިރު މެންބަރު ވިދާޅުވި ބަސްފުޅުތަކާ އަޅުގަނޑު ދެކޮޅު. އެކަމާމެދު ދިރާސާކުރަންވީ ވަރަށް ދިރާސާކުރައްވާފަ، ވިސްނާ ވަޑައިގަންނަވަންވީ މިންވަރަށް ވިސްނާވަޑައިގެންފައި ނެތްކަން އަޅުގަނޑު ގަބޫލުކުރަން،" ގާސިމް ވިދާޅުވި އެވެ.

މިއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށްޓަކައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހިތަށް ނުގެންނާތީ ނޫން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުން މިކަމާ މެދު ގެންގުޅޭ ވިސްނުންފުޅަށް އެއްޗެއް ދަންނަވާކަށް ނެތިން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ނިންމުން ވާންޖެހޭނީ ރާއްޖޭގެ މުސްތަގުބަލަށާއި ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ނިންމާ ނިންމުމަކަށް ކަމަށެވެ.