ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ

އިޒުރޭލު ޕާސްޕޯޓް މަނާކުރާ ބިލްގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި އިސްލާހާ މެދު ގޮތެއް ނިންމުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާކޮށްފި އެވެ.

މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމު އެވެ.

މި އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ޖަލްސާގަ އެވެ. ބިލްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސް ބިލް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަހަރުގެ ޖޫން 10 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް 241 ކޮމިޓީގައި މިއިސްލާހު ދިރާސާކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

މީކާއިލް އިސްލާހު ހުށަހެޅީ އިމިގްރޭޝަން ގާނޫނުގެ އަށްވަނަ މާއްދާ އަށެވެ. އެއީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން ކަނޑައެޅުމުގެ މާއްދާ އެވެ.

ގާނޫނުގެ އަށްވަނަ މާއްދާއަށް އަށްވަނަ އަކުރުގެ ގޮތުގައި ހުށަހެޅި އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށެވެ. މީގެތެރޭގައި އިޒްރޭލުގެ ޕާސްޕޯޓާ އެކު އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނެ އެވެ.

ބިލް ހުށަހެޅި މަގުސަދު ތެރޭގައި ހިމެނެނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަ އެޅުމާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ގަރާރެއް ފާސްކުރުމުންވެސް މިހާތަނަށް އެ ގަރާރަށް އަމަލުކޮށްފައިނުވާތީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ކުރުމެވެ.

މީޑިއާއަށް މިއަދު މައުލޫމާތު ދެއްވަމުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި 241 ކޮމިޓީގެ ނައިބް މުގައްރިރު އިބްރާހީމް ފަލާހް ވިދާޅުވީ އަންގާރަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީން ހުށަހަޅާފައި އޮތް އިސްލާހާ މެދު ގޮތެއް ނިންމާނެ ދުވަހެއް ކަނޑައަޅާނެ ކަމަށެވެ. އަދި މި އިސްލާހު ކޮމިޓީން ދިރާސާކުރާއިރު ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ހިޔާލު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަލާހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި މިއަދު އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ އެއް ބޭފުޅާ ކަމަށްވާތީ ސަރުކާރުވެސް އަދި މަޖިލިސްވެސް އޮތީ މި ބިލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުން މިއަހަރުގެ ޖޫން ދެވަނަ ދުވަހު ވަނީ އިޒުރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރަން ނިންމާ އެކަން އިއުލާންވެސް ކޮށްފަ އެވެ. މިއީ އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެއްވެސް ބަޔަކަށް އެތެރެވުން މަނާކުރުމަށް ކެބިނެޓުން ގޮތެއް ނިންމި ފުރަތަމަ ފަހަރެވެ.