ތުރުކީ

ކަޅުކަނޑުން ތުރުކީ ގޭސް ނަގަނީ

ތުރުކީން ދުވާލަކު 40 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ކަޅުކަނޑުން ނަގަން އުންމީދުކުރާ ކަމަށް އެ ގައުމުގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ 2023 އިން ފެށިގެން ކަޅުކަނޑުން ގޭސް ނަގައި ބޭނުންކުރަން ފަށާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ދުވާލަކު 10 މިލިއަން ކިއުބިކް މީޓަރުގެ ގޭސް ނަގާނެ ކަމަށާއި ދުވަސްކޮޅެއް ފަހުން އެ އަދަަދު ދުވާލަކު 40 މިލިއަން ކިއުބިކް މީޓަރަށް އިތުރުކުރާނެ ކަމަށެވެ.

ތުރުކީގެ ތެޔޮ ހޯދާ ބޯޓުތަކުން ކަޅުކަނޑުގައި ހުރި ގޭސްވަޅުތައް ހޯދީ މިއަހަރު ޖޫން މަހު އެވެ. އާންމުންނަށް މައުލޫމާތު ދެއްވަމުން އުރުދުޣާން އެއިރު ވިދާޅުވި ގޮތުގައި ކަޅުކަނޑުގައި ތުރުކީއަށް ނެގެން ހުރި ރިޒާވްގައި 135 ބިލިއަން ކިއުބުކް މީޓަރުގެ ގޭސް ހުރި ކަމަށެވެ.

ކަޅުކަނޑުގައި ހުރި ގޭސް ވަޅުތަކުން ތުރުކީއަށް 500 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ނެގޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އެއީ އޭގެ ކުރިން ހޯދާފައި ހުރި ގޭސް ވަޅުތައް ހިމެނޭ ގޮތުންނެވެ.

ތުރުކީން އުރުދުޣާންގެ ޒައާމަތުގައި މިފަހަކަށް އައިސް އިގުތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވާން ބުރަ މަސައްކަތްތައް ގެންދަނީ ކުރަމުންނެވެ. އަމިއްލަ އުފެއްދުންތައް ދުނިޔޭގެ މާކެޓަށް ނެރެ ސަރަހައްދީ ނާރެހަކަށް ބަދަލުވާން ބުރަ މަސައްކަތްތަކެއް ކުރާތީ ފެނެ އެވެ.

އަނެއްކޮޅުން އަަސްކަރީ ގޮތުން ގާބިލު ބައުމަކަށް ވުމަށް އަމިއްލަށް އަސްކަރީ ޑްރޯން އުފައްދައި ގައުމުތަކަށް އެކްސްޕޯޓް ކުރަން ވަނީ ފަށާފަ އެވެ. ޕާކިސްތާނާ ގުޅިގެން މަތިންދާބޯޓު ޖައްސާ މަނަވަރު ބަނުމާއި އަމިއްލަ އަށް ހަތިޔާރު އުފައްދައި އަދި ޖައްވަށް އަރަން ވެސް ވަނީ ނިޔަތްގަނެފަ އެވެ.