ދުނިޔެ

ތުރުކީގެ މައި ދެ އިންތިހާބު މެއި 14ގައި ބާއްވަނީ!

ތުރުކީގެ ރިޔާސީ އަދި ޕާލިމެންޓްރީ އިންތިހާބު ބާއްވާނެ ތާރީހުތައް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއުލާންކުރައްވައިފި އެވެ. އެގޮތުން ރިޔާސީ އަދި ޕާލިމަންޓްރީ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.

އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ރައީސް އުރުދުޣާން އިންތިހާބުގެ ތާރީހް އިއުލާންކުރައްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ތުރުކީގެ ހުޅަނގު އުތުރު ބަރްސާ ޕްރޮވިންސްގައި ބޭއްވި ޔޫތް ކޮންފަރެންސްގަ އެވެ. މި ހަރަކާތުގެ ވީޑިއޯއެއް މިދިޔަ އާދީއްތަ ދުވަހު ވަނީ އާއްމުކޮށްފަ އެވެ.

"އަހަރެން ﷲއަށް ޝުކުރުކުރަން، އަހަރެމެންގެ އަގުހުރި ޒުވާނުން، ފުރަތަމަ ފަހަރަށް އިންތިހާބެއްގައި އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ވޯޓުލާއިރު ތިޔަ ޒުވާނުންނަށް އަހަރެމެންގެ ރާސްތާއާ ހިއްސާ ކުރުމަށް މެދުވެރިވެފައިވާތީ،" އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އަންނަ މާޗް މަހު 10 ވަނަ ދުވަހު ރަސްމީކޮށް އިންތިހާބު ތާރީހް އަދި އިއުލާންކުރާނެ އެވެ. އެއަށްފަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލުން އިންތިހާބުގެ ތައްޔާރީތައް ކުރަމުން ގެންދާނެކަމަށެވެ.

އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ނުލިބޭކަމުގައިވާނަމަ ދެވަނަ ބުރެއްގެ ވޯޓުލުން ބޭއްވޭނީ މެއި މަހު 28 ގައެވެ.

މި އިންތިހާބު ވެގެންދާނީ ސަރަހައްދީ އަސްކަރީ ބާރު އަދި ނޭޓޯގެ މެންބަރުކަން ވެސް ކުރާ، ކުރިއަރަމުން އަންނަ އެންމެ ބޮޑު މާކެޓް އިކޮނޮމީ އޮތް ތުރުކީގެ ރައީސް އުރުދުޣާން އަށް މިހާތަނަށް ސިޔާސީ ގޮތުން ކުރިމަތިވާ އެންމެ ވަރުގަދަ ޓެސްޓަށެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު 2003 އިން ފެށިގެން ތުރުކީގެ ބޮޑުވަޒީރުކަމުގައި އަދި 2014 އިން ފެށިގެން ތުރުކީގެ ރައިސްކަން ކުރައްވަމުން ގެންދަވަނީ އުރުދުޣާން އެވެ.

ހަ ޕާޓީއެއް އިއްތިހާދުވެގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުން އަދި މިހާތަނަށް ކެންޑިޑޭޓެއް ކަނޑައެއް ނާޅަ އެވެ.

ތުރުކީގެ ޕާލިމަންޓްގައި ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ ކުރުދީންގެ ޕާޓީ ވަނީ އިދިކޮޅު އިއްތިހާދާ ބައިވެރިވާން ދެކޮޅު ހަދާފަ އެވެ. ކުރުދީންގެ ޕާޓީން ވަނީ އެޕާޓީގެ ކެންޑިޑޭޓެއް ވަކިން ނެރޭނެ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ތުރުކީގެ އިގްތިސޯދީ އަރިއަޅާލުމާއި ރައްޔިތުންގެ މަދަނީ ހައްގުތަކާއި މިނިވަންކަން ހަނިވެގެން ގޮސްފައިވަނީ ރައީސް އުރުދުޣާން ސަބަބުން ކަމަށެވެ. އަދި ތުރުކީ މިވަގުތު ވެފައިވަނީ ހުދުމުހުތާރު ވެރިކަމެއް ކުރާ ގައުމަކަށް ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ރައީސް އުރުދުޣާން ވަނީ 2018 ވަނަ އަހަރު ބޮޑުވަޒީރުގެ އޮފީސް އުވާލުމަށްފަހު ރައީސްގެ އަތްޕުޅަށް ބޮޑެތި ބާރުތައް ގެނެސް އާ ސިޔާސީ ނިޒާމެއް ހިންގަން ފަށާފަ އެވެ. އޭގެ ކުރިން ތުރުކީގައި ރައީސްގެ މަގާމަކީ ރަމްޒީ ގޮތެއްގައި އޮތް މަގާމެކެވެ. އާ ސިޔާސީ ނިޒާމުގެ ދަށުން ރިޔާސީ އިންތިޚާބާއި ޕާލިމެންޓަރީ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގަ އެވެ.

ތުރުކީގެ މި އިންތިހާބުތައް ކުރިން ބޭއްވުމަށް ނިންމާފައި އޮތީ ޖޫން 18 ވަނަ ދުވަހު އެވެ. ނަމަވެސް އެދުވަސް އަވަސް ކުރާނެކަމުގެ އިޝާރާތެއް ރައިސް އުރުދުޣާން ވަނީ ކުރިން ދެއްވާފަ އެވެ. ރައީސް އުރުދުޣާންގެ އޭކޭ ޕާޓީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވެފައިވަނީ ޖޫން މަހު އިންތިޚާބު ބާއްވާއިރު ހޫނު މޫސުމުގެ ޗުއްޓީގައި ރައްޔިތުން އުޅޭނީ ދަތުރުފަތުރުކުރުމުގައި ކަމަށެވެ.