ދުނިޔެ

ދެންވެސް ތުރުކީގެ ތާއީދު ލީބިޔާ ސަރުކާރަށް އޮންނާނެ

ލީބިޔާ ގައި އޮތް ބައިނަލް އަގުވާމީ ގޮތުން ގަބޫލު ކުރާ ސަރުކާރު، ގަވަމެންޓް އޮފް ނެޝަނަލް އެކޯޑް (ޖީއެންއޭ) އަށް ކުރިއަށް އޮތްތާގައި ވެސް ތާއީދު ކުރާނެ ކަމަށް ތުރުކީން ބުނެފި އެވެ. ތުރުކީ ސަރުކާރުން މިކަން ހާމަކުރީ ލީބިޔާގެ ބޮޑު ވަޒީރު ފަޔާޒު އަލް ސައްރާޖު އަންނަ މަސް ނިމުމުން އިސްތިއުފާ ދެއްވާނެ ކަމަށް މިދިޔަ ހަފުތާގައި އިއުލާން ކުރެއްވުމާ ގުޅިގެނެވެ.

ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އޮރްދުގާންގެ ތަރުޖަމާން އިބްރާހިމް ކާލިން މިއަދު ވިދާޅުވީ ލީބިޔާގެ ވެރިތަށް ޓްރިޕޮލީ ގައި ގާއިމް ކޮށްފައިވާ ޖީއެންއޭގެ ސަރުކާރުގެ ބޮޑު ވަޒީރު ސައްރާޖު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ކުރިއަށް އޮތްތާނގައިވެސް ލީބިޔާގެ ސަރުކާރަށް ތުރުކީ ތާއީދު ކުރާނެ ކަމަށެވެ. އަދި ދެ ގައުމުން އެއްބަސް ވެފައިވާ ބައިލެޓެރަލް އެގްރީމެންޓް ތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ.

އެ ދެ ގައުމުން އެއްބަސްވެފައިވާ ކަންކަމުގެ ގެތެރޭގައި ދިފާއީ އެއްބަސްވުމާއި ކަނޑުގެ ސަރަހައްދީ އިމުގެ މައްސަލަ ހިމެނެ އެވެ.

"މި އެއްބަސްވުން ތަކަށް ސިޔާސީ ހަލަބޮލިކަމުން އެއްވެސް އަސަރެއް ނުކުރާނެ. މި އެއްބަސްވުންތަކަކީ ސަރުކާރަކާއެކު ވެފައިވާ އެއްބަސްވުންތަކެއް. އަމިއްލަ މީހަކާއި ވެވުނު އެއްބަސްވުމެއް ނޫން" ތަރުޖަމާން ކާލިން ވިދާޅުވި އެެވެ.

މިދިޔަ ހަފުތާ ގައި ތުރުކީން އިރުމަތީ މެދުތެރޭ ކަނޑުން ދެ ގައުމު ގުޅޭ ސަރަހައްދު ގައި ސިފައިން ގެ ތަމްރީނުތައް ބޭއްވުމުގެ އެއްބަސްވުމެއްގައި ލީބިޔާއާއެކު ވަނީ ސޮއި ކޮށްފައެވެ އެކަމަކު އެ ސަރަހައްދަކީ ގްރީސް ވެސް އެތަނުގެ މިލްކުވެރިކަމާމެދު ދައުވާ ކުރާ ސަރަހައްދެކެވެ.

އޮރްދޮގާން ވަނީ ލީބިޔާގެ ބޮޑު ވަޒީރު އަންނަ އޮކްޓޯބަރު މަސް ނިމުމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމުން އެކަމާއި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ތެލުގެ ގޮތުން މުއްސަނދި ލީބިޔާ ވަނީ 2014 ވަނަ އަހަރު ދެބަޔަކަށް ބެހިފަ އެވެ. އެހެން ދިމާވަން ވާން ޖެހުނީ އެގައުމުގެ ހުޅަނގާއި އިރުމަތީ ސަރަހައްދުގައި ގާއިމްވެ ތިބި ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުންނެވެ، މީގެ ސަބަބުން ގައުމަށް ވަނީ އެތައް ކުލީ ސިފައިންނަކާއި ހަތިޔާރެއް ޖަމާވެފަ އެވެ