ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021"ގައި ބައިވެރިވުމަށް އިންޑިއާ އިން 43 ސިފައިން ރާއްޖެ އައިސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އައިސް މިއަދު އަސްކަރީ ތަމްރީނެއް ފެށިއިރު އެ މައުލޫމާތު އެމްއެންޑީއެފުން ހާމަކޮށްފައި މިވަނީ އިންޑިއާގެ ބައެއް ނޫސްތަކުގައި މިއަދު އެ މައުލޫމާތު ރިޕޯޓްކުރި ފަހުން އިންޑިއާގެ ނޫސްތަކާ ހަވާލާދީ ރާއްޖޭގެ ނޫސްތަކުގައި އެ ހަބަރު ޝާއިއު ކުރުމުންނެވެ.
އެމްއެންޑީއެފުން ބުނީ މިއަހަރުގެ މި ތަމްރީންގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިން ކަމުގަ އެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސް -- ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސިފައިންނެވެ.
ސިފައިންގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ހެޑްކްއާޓަޒް -- ލ. ކައްދޫގައި މިއަދު ފެށި ތަމްރީން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކައްދޫގެ އިތުރުން ލ. އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ މި ތަމްރީން، ދެ ގައުމުގައި ވެސް ބާއްވަމުން ގެންދާއިރު އެންމެ ފަހުން ބޭއްވި މި ތަމްރީނުތައް ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު އިންޑިއާގެ ޕޫނޭގަ އެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މި ތަމްރީން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ.
އެކްސަސައިޒް އެކުވެރިންނަކީ ދިވެހިރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ކައުންޓާ ޓެރަރިޒަމާއި ކައުންޓާ އިންސާޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
ތަމްރީން ފެށުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވީ ސިފައިންގެ ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރު ކާނަލް އިބްރާހީމް ހިލްމީ އެވެ. މި ރަސްމިއްޔާތުގައި ހިލްމީ ވިދާޅުވީ ދެ ގައުމުން ގުޅިގެން ހިންގާ މި ތަމްރީނުތައް ދެ ގައުމަށް ވެސް ވަރަށް މުހިއްމު ކަމަށާއި މި ތަމްރީނުތަކުގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށެވެ.
ތަމްރީން ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް އެޑްވައިޒަރާއި ދެ ގައުމުގެ ކޮންޓިންޖެންޓުންނާއި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެފައިވެ އެވެ.
އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ހިމެނޭ ގޮތަށް މިދިޔަ މަހުގެ ތެރޭގައި ވެސް އަސްކަރީ ތަމްރީންތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
ދިވެހި ސިފައިން އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން ވަރަށް ގާތްގާތުގައި އަސްކަރީ ދެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތައް ވަރުގަދަކުރަމުންދާ ވަގުތެއްގަ އެވެ.