ލައިފްސްޓައިލް

ޓަޔަރު ފަޅައިގެން ދިއުމުން ފަސިންޖަރުން މަތިންދާބޯޓު ކޮއްޕަން ޖެހިއްޖެ

މަތިންދާބޯޓަކަށް އަރަން ތައްޔާރުވެގެން ތިބި ދަތުރުވެރިންތަކަކަށް އެ ބޯޓު ކޮއްޕާ އެއްފަރާތް ކުރަން ޖެހިދާނެ ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. ނަމަވެސް ދާދިފަހުން ނޭޕާލުގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އިންޓަނެޓުގައި ވައިރަލް ވެފައިވާ ވީޑިއޯ އަކުން މި ކަން ހިނގައިދިޔަ ގޮތާއި ފަސިންޖަރުންތައް މަތިންދާބޯޓު ކޮއްޕައި ރަންވޭ އިން އެއްފަރާތަކަށް ޖައްސާ މަންޒަރު ވަނީ ފެނިފަ އެވެ.

މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގައި ނޭޕާލްގެ އެއާޕޯޓަކަށް ފުރަން ގޮސް ތިބި ފަސިންޖަރުން ކޮއްޕާ އެއްފަރާތް ކުރީ ތާރާ އެއާގެ މަތިންދާބޯޓެކެވެ.

ނޭޕާލް ނިއުސް އިން ބުނެފައިވާ ގޮތުގައި ކޯލްޓީގެ ބަޖޫރާ އެއާޕޯޓަށް ބޯޓު ލޭންޑް ކުރަން ތައްޔާރުވެފައި ވަނިކޮށް ޓަޔަރެއް ފަޅައިގެން ދިޔައީ އެވެ. ޕައިލެޓްގެ ކުޅަދާނަ ކަމުން އިމަޖެންސީކޮށް ބޯޓު ޖެއްސުމުގައި ކާމިޔާބު ވިޔަސް ބޯޓު ރަންވޭން ދުރަށް ޖައްސޭނެ ގޮތެއް އޭނާއަކަށް ވެސް ނުހެދުނެވެ.

މިކަމުގެ ސަބަބުން އެ އެއާޕޯޓަށް އެ ވަގުތު ޖައްސަން އައި މަތިންދާބޯޓެއް ނުޖެއްސި މަތީގައި އޮންނަން ޖެހުނެވެ. އެހެންވެ އެއާޕޯޓުގެ ސްޓާފުންނާއި މަތިންދާބޯޓުގައި ތިބި ފަސިންޖަރުން ވެގެން ކޮއްޕާ ބޯޓު ރަންވޭއިން ދުރަށް ޖެއްސީ އެވެ.

މި މަންޒަރުތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު ވީޑީއޯގައި ފެންނަނީ ވިއްސަކަށް މީހުން ވެގެން ބޯޓު ކޮއްޕާ އެއްފަރާތަށް ޖައްސާ މަންޒަރެވެ.

"މިއީ އަހަރެމެންގެ ނޭޕާލުން ނޫނީ ފެންނާނެ މަންޒަރެއް ނޫން،" ވީޑިއޯއަށް ކޮމެންޓު ކުރި މީހަކު ބުންޏެވެ.

ކޮމެންޓުކުރި އިތުރު ބައެއް މީހުން ކަންބޮޑުވީ ފަސިންޖަރުންގެ ރައްކާތެރިކަމާ މެދުގަ އެވެ. މަތިންދާބޯޓު އުދުއްސާއިރު އޭގެ ރައްކާތެރި ކަމަށް މިއަށް ވުރެ ރަނގަޅު އިންތިޒާމްތަކެއް ހުންނަން ޖެހޭނެ ކަމަށް ބައެއް މީހުންގެ ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

އަދި މި ބޯޓު ޖައްސާފައި އޮތް އެއާޕޯޓުގައި މިފަދަ އިމަޖެންސީތަކުގައި ބޯޓު ދުރަށް ލައި ހެދޭނެ އިންތިޒާމް ނެތްކަމަށް ބުނެ ވެސް ބައެއް މީހުން ފާޑުކިޔާފައި ވެއެވެ. އެންމެން ވެގެން މަތިންދާބޯޓު ރަންވޭން ދުރަށް ޖެއްސުމުން ނުޖެއްސި މަތީގައި އޮތް ބޯޓު ސަލާމަތުން ލޭންޑްކުރި ކަމަށާއި އަދި ޓަޔަރު ފަޅައިގެން ދިޔަ ބޯޓުގެ ޓަޔަރު ވެސް ވަރަށް އަވަހަށް ބަދަލު ކުރި ކަމަށް ވެއެވެ.