ކޮލަމްބިއާގެ އެމެޒަން ޖަންގައްޔަށް ވެއްޓުނު މަތިންދާބޯޓެއްގައި ތިބި ކުޑަ ހަތަރު ކުދިން ސަލާމަތުން ތިއްބާ ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. މި ކުދިން ފެނިފައިވަނީ ބޯޓު ވެއްޓުނުތާ 40 ދުވަސް ފަހުންނެވެ.
މި ހުރިހާ ދުވަހު އެކުދިން ތިބީ ބިޔަ ބޯ ޖަންގަލި ތެރޭގަ އެވެ. ހަރުފައާއި ބޮޑެތި ވަލު ޖަނަވާރުތަކުން ފުރިފައިވާ އަދި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ އެތައް ބަޔަކު ވެސް އުޅެމުންދާ ޖަންގަލި ތެރޭގައި މި ކުދިން ސަލާމަތުން މިހާ ގިނަ ދުވަހު ތިބުމަކީ "މުއުޖިޒާތެއް" ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
މި ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮއްޓަށް ހުރީ 13 އަހަރުގެ ލެސްލީ ކިޔާ އަންހެން ކުއްޖެކެވެ. ދެން ތިބީ 9 އަހަރުގެ ކުއްޖަކާއި 4 އަހަރުގެ ކުއްޖަކާއި އެއް އަހަރުގެ ކުއްޖެކެވެ.
މި ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދާއިރު ލެސްލީ ވަނީ އޭނާ އާއި ކޮއްކޮމެން ތަހައްމަލުކުރި ހިތާމައާއި ހިތްދަތިކަން އަދި ދަތިއުނދަގޫ ދުވަސްތަކުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އޭނާގެ އާއިލާގެ މީހުންނަށް ކިޔައިދޭން ފަށާފަ އެވެ.
މޭ އެއްވަނަ ދުވަހު ކޮލަމްބިއާގެ ޖަންގައްޔަށް މަތިންދާބޯޓު ވެއްޓުނު ހާދިސާއިން ސަލާމަތްވި ހަތަރު ކުދިންގެ ތެރެއިން އެންމެ ހަގު ދެބެންގެ ބައްޕަ މެނުއަލް ރަނޯކް އިނގިރޭސި ވިލާތުގެ ނޫހަކަށް ކިޔައިދިން ގޮތުގައި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އެ ކުދިންގެ މަންމަ ވަގުތަކުން މަރެއް ނުވެ އެވެ. އޭނާ މަރުވީ ބޯޓު ވެއްޓުނުތާ ހަތަރު ދުވަސް ފަހުން ކަމަށް ލެސްލީއާ ހަވާލަދީ އޭނާގެ ބޮޑުބޭބެ ބުނެފައި ވެއެވެ.
އެ ކުދިންގެ މަންމަ މަރުވުމުގެ ކުރިން އެ ކުދިންނަށް އެތަނުން ވީހާވެސް ދުރަށް ދިއުމަށް އިރުޝާދު ދީފައިވާ ކަމަށް ބެލެވޭ ކަމަށް ރަނޯކް ބުންޏެވެ. މަތިންދާބޯޓު ވެއްޓުނު ހިސާބަށް ރެސްކިއު ޓީމުތަކަށް ދެވުނީ އެކްސިޑެންޓް ހިނގިތާ ދެ ހަފުތާ ފަހުންނެވެ.
އެ ކުދިން ޖަންގަލީގައި ތިއްބާ ފުރަތަމަ ފެނިފައިވަނީ އެ ހިސާބުގެ ގަބީލާއެއްގެ މީހަކަށެވެ. އެކުދިން ތިބީ މަތިންދާބޯޓު ވެއްޓުނު ހިސާބާ ފަސް ކިލޯމީޓަރެއްހާ ދުރުގައި ބޯ ޖަންގަލި ތެރޭގަ އެވެ.
އެކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރި ހެލިކޮޕްޓަރަށް ޖަންގަލި ތެރެއަށް ނުޖެއްސިގެން އެންމެ ފަހުން އެކުދިން ނަގާފައިވަނީ ވާ ޖަހައިގެންނެވެ.
އެ ކުދިން ސަލާމަތްކުރި މީހުންގެ ތެރޭގައި ހިމެނޭ އޮފިޝަލަކު ބުނި ގޮތުގައި އެކުދިން ފެނުނުއިރު އެ ކުދިންގެ އަތުގައި ދެ ކޮތަޅު އޮތެވެ. އެ ދެ ކޮތަޅުގައި ހެދުމާއި ތުވާއްޔާއި ފްލޭޝްލައިޓް، ދެ މޯބައިލް ފޯން، މިއުޒިކް ބޮކްސް، އަދި ސޮޑާ ފުޅިއެއް އޮތެވެ. މި ފުޅި އެކުދިން ބޭނުންކުރީ ޖަންގަލި ތެރެއިން ފެން ހޯދައި ރައްކާ ކޮށްގެން ބޭނުން ކުރުމަށެވެ.
ކުދިން ސަލާމަތް ކުރުމާއެކު ކުޑައަށް ތިބި ދެބެން އެންމެ ފުރަތަމަ ވެސް ބުނީ ބަނޑުހައިވެފައިވާ ކަމަށާއި ކާ އެއްޗެއް ދިނުމަށެވެ. އެކުދިން ބޭނުންވަނީ ރައިސް ޕުޑިން އާއި ޕާން ކާން ކަމަށްވެސް އެކުދިން ސަލާމަތްކުރި މީހުން ބުނެފައި ވެއެވެ.
މި ކުދިންނަކީ ވެސް ގަބީލާއަކަށް ނިސްބަތްވާ ކުދިންނަށް ވާތީ ޖަންގަލީގެ ހާލަތު އޮންނާނެ ގޮތާއި ބޮޑެތި ޖަނަވާރުން ސަލާމަތްވާން ކަން ކުރަންވާނެ ގޮތް އަދި ޖަންގަލީގައި ހުންނަ މޭވާތަކުގެ ތެރެއިން ކެވޭނެ މޭވާ އާއި ނުކެވޭނެ މޭވާ ފަދަ ތަކެތި އޭގެ ތެރެއިން ދޮށީ ދެބެންނަށް އެނގޭނެ ކަމަށް އެކުދިންގެ މާމަ ވެސް ބުނެފައި ވެއެވެ.
އެ ކުދިންގެ ބޮޑުބޭބެއެއް ކަމަށްވާ ފިޑެންޝިއޯ ވެލެންސިއާ ކޮލަމްބިއާ މީޑީއާގައި ވާހަކަ ދައްކަމުން ބުނި ގޮތުގައި އެ ކުދިން މިހާރު މަޑުމަޑުން ވާހަކަ ދައްކަން ފަށައިފި އެވެ. އަދި ބައެއް ވާހަކަތައް އެކުދިން މިހާރު ކިޔައިދެމުން އެބަދެ އެވެ. ހަރުފަ އާއި ބޮޑެތި ބިޔަ ޖަނަވާރުތައް އަދި މަދިރިން ފުރިފައިވާ ޖަންގަލި ތެރޭގައި އެކުދިން ރައްކާތެރިވާން ވަންނަނީ ބިޔަ ގަސްގަހުގެ ތެރެއަށް ކަމަށް އެކުދިން ބުނެފައިވެ އެވެ.
ބޯޓު ވެއްޓުނުއިރު އެ ބޯޓުގައި އަލަ ފުށް (ކަސާވާ ފްލާ) ކޮންމެވެސް ވަރަކަށް ހުއްޓެވެ. ތޭރަ އަހަރުގެ ލެސްލީ ކޮއްކޮމެން ގޮވައިގެން ޖަންގައްޔަށް ވަންއިރު އެ ތަކެއްޗާއި އެނޫންވެސް ބޯޓުގައި ހުރި ކާއެއްޗެތި ގެންދިޔަ އެވެ. ނަމަވެސް ޖަންގަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނުން ކާއެއްޗެތި ހުސްވީ އެވެ.
ވެލެންސިއާ ބުނި ގޮތުގައި ސަލާމަތްވީތާ ދެ ދުވަސް ފަހުން ކުދިން މިހާރު އެކުދިންގެ ތަޖުރިބާތައް ކުރަހަމުން އެބަ ގެންދެ އެވެ. އަދި އެކުދިން ތަހައްމަލުކުރި ބިރުވެރި ދުވަސްތަކާއި ވަގުތުތައް ހަނދާންވުމުން ބައެއް ފަހަރު އެކުދިންނަށް ބޭއިޚްތިޔާރުގައި ރޮވެ އެވެ.
އާއިލާގެ އެންމެން މިހާރު އެކުދިން ކައިރީގައި ތިބި ކަމަށާއި ނަމަވެސް އެ ކުދިންނާ މާ ގިނައިން ވާހަކަ ނުދައްކާ ކަމަށް ވެސް އެކުދިންގެ ބައްޕަ ބުންޏެވެ.
"އެކުދިން ބައެއް ފަހަރު އަމިއްލައަށް ވާހަކަ ދައްކަން ބޭނުންވެގެން ބައެއް ވާހަކަތައް އެބަ ކިޔާދޭ. އެހެން ނޫނީ އަހަރެމެން އެ ކުދިން ކައިރީގައި އެއްވެސް ވާހަކައެއް ނާހަން. އެކުދިން ހަމައަކަށް އެޅެން ވަގުތު ބޭނުންވާނެތީ،" އެ ކުދިންގެ ބޮޑުބޭބެ ވެލެންސިޔާ ބުންޏެވެ.