ލައިފްސްޓައިލް

ޖަންގައްޔަކަށް ވެއްޓުނު ބޯޓުގައި ތިބި ކުދިންތަކެއް ގެއްލިގެން ހޯދަނީ

މީގެ ދެ ހަފުތާ ކުރިން ކޮލަމްބިއާގެ ބިޔަ ބޮޑު ޖަންގައްޔަކަށް ވެއްޓުނު ޕްރައިވެޓް މަތިންދާބޯޓެއްގައި ތިބި ހަތް މީހުންގެ ތެރެއިން އޭގައި ތިބި ހަތަރު ކުޑަކުދިން ސަލާމަތްވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ގުސްތާވޯ ޕެޓްރޯ ކުރެއްވި ޓުވީޓެއްގައި އިއުލާންކުރުމުން ގިނަ ބަޔަކު އުފާފާޅު ކުރި އެވެ. ނަމަވެސް މި ކުދިން ހޯދަން މަސައްކަތްކުރާ ގިނަ އަދަދެއްގެ ޓީމުތަކަށް އަދިވެސް ކުދިން ހޯދިފައެއް ނުވެ އެވެ.

ކޮލަމްބިއާގެ މިލިޓަރީން ފަހުން ބުނެފައިވަނީ ކުދިން ދިރިތިބިކަމުގެ ހެކިތައް ލިބިފައިވިޔަސް އެކުދިން ފެނިފައި ނުވާ ކަމަށެވެ. އެއާއެކު ރައީސް ކުރެއްވި ޓުވިޓް ވަނީ ގެއްލިފަ އެވެ.

ކެސްނާ 206ގެ ކުޑަ މަތިންދާބޯޓް ހަތް މީހުން ގޮވައިގެން ދަތުރުކުރަނިކޮށް ވެއްޓިފައިވަނީ މިހިނގާ މޭ މަހުގެ އެއްވަނަ ދުވަހު އެވެ.

ބޯޓު ވެއްޓުމުގެ ކުރިން އިންޖީނު ފޭލްވެފައިވާ ކަމުގެ ސިގްނަލްތައް ފޮނުވާފައި ވެއެވެ. ބޯޓު ވެއްޓިފައިވަނީ ކޮލަމްބިއާގެ ކެކުއޭޓާ ރީޖަންގެ އެންމެ ބޯ ޖަންގަލި ތެރެއަށެވެ.

ރެސްކިއު ޓީމުތަކުން މިދިޔަ އަންގާރަ ދުވަހު ބޯޓު ހޯދާފައިވާއިރު އޭގެ ތެރެއިން ފެނިފައިވަނީ އޭގައި ތިބި ބޮޑެތި ތިން މީހުންގެ ހަށިގަނޑެވެ. މީގެ ތެރޭގައި މިހާރު ހޯދަމުންދާ ހަތަރު ކުދިންގެ މަންމަ ވެސް ހިމެނޭ ކަމަށް ބީބީސީން ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ސަލާމަތްވީ ކަމަށް ގަބޫލުކުރެވޭ ކުދިން އަދިވެސް ނުފެނެ އެވެ.

ކާނަލް ޖުއާން ޖޯސޭ ލޯޕެޒް ވިދާޅުވީ މަތިންދާބޯޓުގައި ތިބި ހަތަރު ކުދިން ދިރި ތިބިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެކުދިންގެ ނިޝާންތައް މަތިންދާބޯޓު ވެއްޓިފައި އޮތް ތަން ނޫން އެހެން ހިސާބުތަކުން ފެނިފައިވޭ. އަދި ރައްކާތެރިކަމަށް ވަދެ ތިބިކަމަށް ބެލެވޭ ތަނެއް ވެސް ފެނިފައިވޭ،" ކާނަލް ވިދާޅުވި އެވެ.

މަތިންދާބޯޓުގައި ތިބި ކުދިންގެ ތެރެއިން އެންމެ ދޮށީ 13 އަހަރުގެ ކުއްޖެކެވެ. ތުއްތު 11 މަހުގެ ކުއްޖެއް ވެސް ބޯޓުން ދަތުރު ކުރި އެވެ. ޖަންގަލީގައި އެ ކުދިން ހޭދަކުރާތާ 16 ދުވަސް ފާއިތުވެފައިވާއިރު ކުދިން މިހާރު ތިބި ހާލަތެއް ބުނާކަށް އެކަކަށް ވެސް ނޭނގެ އެވެ.

ކުދިން ހޯދުމުގެ މަސައްކަތް ގިނަ އަދަދެއްގެ ޓީމުތަކުން ފަށާފައިވާއިރު ވަސް ބަލާ ކުއްތާތައް ވެސް މި މީހުން ބޭނުން ކުރަމުން ދެއެވެ. އަދި އެކުދިންގެ މާމަގެ އަޑުން ރެކޯޑް ކޮށްފައިވާ ރެކޯޑިން އެއްވެސް ރެސްކިއު ޓީމުތަކުން ވަރަށް އަޑުގަދަކޮށް ފޮނުވަމުން އެބަ ގެންދެ އެވެ. މި ރެކޯޑިންގައި އެކުދިން ޖަންގަލީގެ ފުނަށް އިތުރަށް ނުވަންނަން އެ ކުދިންގެ މާމަ އިލްތިމާސް ކޮށްފައިވެ އެވެ.

އެކުދިން ފުރިހަމަ ސިއްހަތުގައި ސަލާމަތުން ތިބިކަމަށް ޖަންގަލީގައި ދިރިއުޅޭ ގަބީލާތަކުގެ މީހުން ވެސް ބުނެފައި ވެއެވެ. ނަމަވެސް ހަތިޔާރު އެޅި ސިފައިންނަށް ވެސް އަދިވެސް ކުދިން ތިބި ހިސާބަކަށް ނުދެވެ އެވެ. ކުދިން ސަލާމަތްކުރުމުގެ މަސައްކަތަށް އިތުރު ހުރަސްތައް ކުރިމަތިވެފައިވަނީ އެ ހިސާބަށް ބޯކޮށް ވާރޭ ވެހި އިލެކްޓްރިކަލް ސްޓޯމްސް ކުރިމަތިވެފައި ވާތީ އެވެ.