ލައިފްސްޓައިލް

ނެޓްފްލިކްސްގެ ޝޯއެއްގައި ދެއްކި ގެއްލުނު ކުއްޖެއް ހަ އަހަރު ފަހުން ފެނިއްޖެ

ގެއްލި ނުފެނިފައި ތިބޭ މީހުން ގެއްލެން ދިމާވި ގޮތާއި އެމީހުން ހޯދަން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ނެޓްފްލިކްސްގެ ޝޯ "އަންސޯލްވްޑް މިސްޓްރީޒް"ގައި ދެއްކި އެމެރިކާގެ ކުޑަ އަންހެން ކުއްޖެއް ސަލާމަތުން ހުއްޓާ ފެނިއްޖެ އެވެ. އިލިނޮއިގައި ދިރިއުޅޭ މި ކުއްޖާ ފެނިފައިވަނީ ގެއްލުނުތާ ހަ އަހަރު ދުވަސް ފަހުންނެވެ.

ކޭލާ އުންބެހޯން ގެއްލުނުއިރު އޭނާއަށް އެންމެ ނުވަ އަހަރެވެ. މަންމަ ކައިރިއަށް މަންމަގެ ގެޔަށް އެ ދުވަހު ޒިޔާރަތްކުރި ކޭލާ އެގެއިން ގެއްލުނީ އޭނާގެ މަންމައާވެސް އެކުގަ އެވެ.

މި ހާދިސާ ހިނގީ 2017 ވަނަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު އެވެ. ކޭލާގެ މައިންބަފައިން ވަކިވެ ކޭލާގެ ބެލުމުގެ ޒިންމާ ކޯޓުން ހަވާލުކޮށްފައި އޮތީ އޭނާގެ ބައްޕަ އަށެވެ. ނަމަވެސް ކޭލާ އޭނާގެ މަންމަ ކައިރިއަށް ގަވާއިދުން ގެނެ އެވެ. ކޭލާ ގެއްލުނު ދުވަހު ވެސް އޭނާ ހުރީ މަންމަ ކައިރީގަ އެވެ. ކޭލާގެ ބައްޕަ އޭނާ ބަލާ ދިޔައިރު ގޭގައި ކޭލާ ވެސް އަދި އޭނާގެ މަންމަގެ ނިޝާނެއް ވެސް ނެތެވެ.

ކޭލާގެ ބައްޕަ ވަގުތުން ފުލުހުންނަށް މައްސަލަ ހުށަހަޅައި ބެލި ބެލުމުން މީހަކު ކޭލާ ވަގަށް ނެގީ ކަމަށް ބެލެވުނެވެ. އަދި ކޭލާ ވަގަށް ނަގައިގެން އޭނާ ގޮވައިގެން ފިލީ އޭނާގެ މަންމަ ކަމަށް އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް އޭގެ ފަހުން ހަ އަހަރު ފާއިތުވީއިރު ވެސް ކޭލާ ނުފެނި މައްސަލަ އޮތީ ފިނިވެފަ އެވެ.

ނެޓްފްލިކްސްގެ ސީރީޒް "އަންސޯލްވްޑް މިސްޓްރީޒް"ގައި "އެބްޑަކްޓަޑް ބައި އަ ޕޭރެންޓް"ގެ ޓައިޓްލްގައި ކޭލާގެ ވާހަކަ ގެނެސްދިނުމާއެކު އަނެއްކާވެސް އޭނާގެ ހަނދާންތައް ގިނަ ބައެއްގެ ހިތުގައި އާލާވި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޝޯ ބެލި ގިނަ ބަޔަކަށް މި ކުއްޖާ ގެއްލުނު ވާހަކަ ބަލާފައި ވަރަށް އަސަރު ކުރި އެވެ. މިކަމުގެ ސަބަބުން ކުއްޖާ ފެނުމަށް މަގު ފަހި ވެދާނެ ކަމަކަށް އޭރު އެކަކުވެސް ހިޔެއް ނުކުރެ އެވެ.

ނޯތު ކެރޮލައިނާގައި ކޭލާ އުޅެނިކޮށް ފެނިފައިވާ ކަމަށް ބުނެ މީހަކު ފުލުހުންނަށް މައުލޫމާތު ދިނީ މި ޝޯ ބެލުމަށް ފަހު އެވެ. އެއާއެކު ފުލުހުން އެ ރަށަށް ގޮސް ކޭލާ ހޯދަން ކުރި މަސައްކަތުން ކުއްޖާ ފެނުނީ އެވެ.

ނޯތު ކެރޮލައިނާގައި ފިހާރައެއް ހިންގާ މީހަކަށް މިހާރު 15 އަހަރު ފުރިފައިވާ ކޭލާ ފެނުނީ އެ ފިހާރައާ ކައިރީގައި ހުރި އެހެން ފިހާރައެއްގެ ތެރެއިންނެވެ. ކުއްޖާ ފެނުމާއެކު މިއީ ނެޓްފްލިކްސްގެ ޝޯގައި ދެއްކި ކުއްޖާކަން އެމީހާއަށް އެނގުނެވެ. އެމީހާއަށް އެހާ ފަސޭހައިން ކުއްޖާ ދެނެގަނެވުނީ މިހާރު އެ ކުއްޖާ ހުންނާނެ ކަމަށް ލަފާ ކުރާ ސިފައިގެ ފޮޓޮއެއް މިދިޔަ މަހު އެމެރިކާގެ "މިސިން އެންޑް އެކްސްޕްލޮއިޓަޑް ޗިލްރަން" (އެންސީއެމްއީސީ) އިން ރިލީޒްކޮށްފައިވާތީ އެ ފޮޓޯ އޭނާއަށް ފެނިފައިވާތީ އެވެ.

ވަގުތުން އެމީހާ ފުލުހުންނަށް ގުޅައި ކޭލާ ފެނުނު ހިސާބުގެ މައުލޫމާތު ދިނުމުން ފުލުހުން އައިސް ކުއްޖާ ހޯދައި ފުލުހުންގެ ހިމާޔަތަށް ގެންދިޔައީ އެވެ.

ކޭލާގެ ބައްޕައާ އޭނާއާ މިހާރު ބައްދަލުވެފައިވާއިރު މި ދެ ބަފައިންގެ ބައްދަލުވުން ދިޔައީ ވަރަށް އަސަރުގަދަކޮށް އެހާމެ އުފާވެރިކޮށެވެ.

ކޭލާ އޭނާގެ ބައްޕައަށް ފޮރުވައިގެން ގެންގުޅުނީ އޭނާގެ މަންމަ އެވެ. އެހެންވެ ފުލުހުން ވަނީ ކޭލާގެ މަންމަ ހައްޔަރުކޮށްފަ އެވެ.

ކޭލާ ފެނުމާ ގުޅިގެން އޭނާގެ ބައްޕަ ސޯޝަލް މީޑީއާގައި ޝެއާ ކުރި ޕޯސްޓެއްގައި ދަރިފުޅު ފެނުމުން ވަރަށް އުފާވެއްޖެ ކަމަށް ބުނެފައި ވެއެވެ. އަދި ފާއިތުވީ ހަ އަހަރު ތެރޭ އޭނާ ދަރިފުޅު ހޯދަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.