ލައިފްސްޓައިލް

އެމެޒަން ޖަންގައްޔަށް ގެއްލުނު ހަތަރު ކުދިން ދިރިތިއްބާ ފެނިއްޖެ

ކޮލަމްބިއާގެ ކޮންމެ ރައްޔިތަކަށް އިއްޔެ އަކީ އުފާވެރި ދުވަހެކެވެ. އެ ގައުމުގައި އެންމެ ބޯ ޖަންގައްޔަށް މީގެ 40 ދުވަސް ކުރިން ގެއްލުނު ހަތަރު ކުދިން 40 ދުވަސް ފަހުން ދިރިތިއްބާ ފެނިފައި ވާތީ އެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޑްރޯ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި މި ހަތަރު ކުދިން ސަލާމަތުން ތިއްބާ ފެނިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. މި ކުދިން އެމޭޒަން ރެއިންފޮރެސްޓް ތެރެއަށް ގެއްލުނީ އެ ކުދިން ދަތުރުކުރި ކުޑަ މަތިންދާބޯޓެއް އެ ޖަންގަލި ތެރެއަށް ވެއްޓުމާ ގުޅިގެންނެވެ. މި ހާދިސާގައި އެ މަތިންދާބޯޓު ދުއްވި ޕައިލެޓާއި ޕައިލެޓްގެ އެހީތެރިޔާ އަދި މި ކުދިންގެ މަންމަ ވެސް ވަނީ މަރުވެފަ އެވެ.

މަތިންދާބޯޓު ވެއްޓުނު ތަނަށް ދަތުރުކުރި ރެސްކިއު ޓީމުތަކަށް ބޯޓު ތެރެއިން ފެނުނީ ބޮޑު ތިން މީހުންގެ މަރުވެފައިވާ މަސްގަނޑެވެ. އަދި އެ ސަރަހައްދުގައި ހުރި ބައެއް ނިޝާންތަކުން އެކުދިން މަރުނުވާކަން އެމީހުންނަށް ޔަގީންވި އެވެ. ނަމަވެސް ރެސްކިއު ޓީމުތަކަށް އާދެވުނުއިރު ކުދިން ވަނީ ޖަންގަލި ތެރެއަށް ވަދެ ގެއްލިފަ އެވެ.

އެހެންކަމުން އެތައް 100 ޓީމަކުން އެމެޒަން ޖަންގަލި ތެރޭގައި މި ކުދިން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާތާ ފަސް ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި ކުދިން ހޯދުމުގެ މަސައްކަތް ކުރި ޓީމުތަކުގެ ތެރޭގައި ކޮލަމްބިއާގެ މިލިޓަރީ ޓީމުތައް ވެސް ހިމެނެ އެވެ. އަދި އެމެޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާތަކުގެ މީހުން ވެސް އެކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވި އެވެ.

"މުޅި ކޮލަމްބިއާއަށް އުފާވެރި ދުވަހެއް. ކޮލަމްބިއާގެ ޖަންގަލި ތެރެއަށް މީގެ 40 ދުވަސް ކުރިން ގެއްލުނު ހަތަރު ކުދިން ދިރިތިއްބާ ވަނީ ހޯދާފައި،" އެކުދިން ހޯދުމުގެ މަސައްކަތް ކުރި މިލިޓަރީ އޮފިޝަލުންތަކަކާއި ގަބީލާތަކުގެ ބަޔަކު އެކުދިން ސަލާމަތްކުރުމަށްފަހު އެ ކުދިންނާއެކު ނަގާފައިވާ ފޮޓޯއަކާ އެކު ކޮލަމްބިއާގެ ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

ބަނޑުހައިހޫނުކަމުގައި ގިނަ ދުވަސްތަކަކު ވަރަށް ހާލުގައި އުޅެފައި ވުމުން މި ހަތަރު ކުދިން ތިބީ ވަރަށް ހިކި އަނަރޫފަވެ ބަލަކަށިވެފަ އެވެ. މިހާރު މި ކުދިންނަށް މެޑިކަލް ޓީމުތަކުން ގެންދަނީ ފަރުވާ ދެމުންނެވެ.
ކޮލަމްބިއާގެ ރައީސް ވިދާޅުވީ މި ހަތަރު ކުދިންނަކީ ކޮންމެ ހާލެއް ޖެހުނަސް ސަލާމަތްވާން ހުރިއްޔާ ސަލާމަތްވާނެކަމުގެ ރަނގަޅު މިސާލެކެވެ. އަދި މި ކުދިންނަށް މި ދިމާވި ހާދިސާއަކީ ތާރީޚްގައި ލިޔެވޭނެ ހާދިސާއެއް ކަމަށެވެ.

އެއްބަނޑު އެއްބަފާ މި ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ 13 އަހަރުގެ ލެސްލީ ޖޭކޮބޮމްބެއާ އެވެ. ދެން ހުރީ 9 އަހަރުގެ ސޮލެއިނީ އެވެ. ދެން ހުރީ ހަތަރު އަހަރުގެ ޓިއެން އެވެ. އެންމެ ހަގު ކްރިސްޓިއަންއަށް އަދި އަހަރުވެސް ނުފުރެ އެވެ.

ލަފާ ކުރެވޭ ގޮތުގައި މި ކުދިން ސަލާމަތްވެފައިވަނީ 13 އަހަރު ކުއްޖާގެ ވިސްނުން ރަނގަޅުކަމުން އެ ކުއްޖާގެ މިންނަތް މަސައްކަތުންނެވެ.

މަންމައާއެކު މި ހަތަރު ކުދިން ދަތުރުކުރި ކުޑަ މަތިންދާބޯޓު އެމެޒަން ޖަންގައްޔަށް ވެއްޓުނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު އެވެ. އޭރު އެ މަތިންދާ ބޯޓުގައި ތިބީ ތުއްތު ބޭބީ ނުލައި ހަ މީހުންނެވެ. މަތިންދާ ބޯޓަށް މައްސަލައެއް ދިމާވެ ޕައިލެޓް އިމަޖެންސީ ހާލަތެއް ދިމާވެއްޖެކަމަށް ބުނިތާ އިރުކޮޅެއް ތެރޭ ބޯޓު ވެއްޓުނީ އެވެ. އަދި ޕައިލެޓާއި ހަތަރު ކުދިންގެ މަންމަ އަދި އެ ބޯޓުގައި ދެން އިންމީހާ މަރުވީ އެވެ. ސަލާމަތްވީ ކުޑަ ހަތަރު ކުދިންނެވެ.