ނޭޕާލް

ނޭޕާލްގައި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެ

ނޭޕާލްގައި ޓުރިސްޓުން ތަކެއް ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރެއް ވެއްޓި ހަ މީހަކު މަރުވެއްޖެ އެވެ.

ނޭޕާލްގެ މައުންޓް އެވަރެސްޓް ކައިރީގައި ހިނގި މިހާދިސާގައި މަރުވި ހަ މީހުންގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް ނޭޕާލްގެ އިދާރާތަކުން ބުނެ އެވެ.

ހެލިކޮޕްޓަރު ވެއްޓުމުގެ މި ހާދިސާގައި ދަތުރުކޮށްފައިވަނީވެސް ހަ މީހެކެވެ. މައުންޓް އެވަރެސްޓް ކައިރިއަށް ހެލިކޮޕްޓަރު ވެއްޓިފައިވަނީ ނައްޓާލިތާ މާގިނަ އިރެއް ނުވަނީހެވެ.

"ހަ މީހުންގެ ހަށިގަނޑު ވަނީ ފެނިފައި،" ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގިޔަނެންދުރަ ބޫލް ހާމަކޮށްފައިވެ އެވެ.

މަނަންގް އެއާގެ މި ހެލިކޮޕްޓަރު ދަތުރުކޮށްފައިވަނީ ލުކްލާ އިން ފުރައިގެން ވެރިރަށް ކަތަމަންޑޫއަށް ދިއުމަށެވެ.

ކަތަމަންޑޫގެ އެ ސަރަހައްދަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ މައުންޓް އެވަރެސްޓަށް އެރުމަށް ތައްޔާރުވާ ތަނެވެ. ނަމަވެސް ހެލިކޮޕްޓަރު ނައްޓާލިތާ 10 މިނެޓް ފަހުން ވަނީ ގުޅުން ކެނޑިފަ އެވެ.

ނޭޕާލް ފާހަގަވެފައިވަނީ އެ ގައުމުގެ އޭވިއޭޝަންގެ ސަލާމަތީ ކަންކަމުގައި ވަރަށް ދަށް ގައުމެއްގެ ގޮތުގަ އެވެ. މި ހާދިސާ ކުރިމަތިވެފައި މިވަނީ މީގެ ހަމަސް ކުރިން އެ ގައުމުގެ ހުޅަނގުގައި މަތިންދާ ބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 72 މީހުން މަރުވެފައި ވަނިކޮށެވެ.

ނޭޕާލްގެ މިފަދަ ރަންވޭ ތަކަކީ ވަރަށް އެކަހެރި، އުނދަގޫ އަދި އަރިމަތީގައި ސްނޯ އިން ފޮރުވިފައިވާ ފަރުބަދަތަކުގެ ކޮޅުތަކާއި ހެދި އެންމެ ކުޅަދާނަ ޕައިލެޓުންނަށްވެސް ގޮންޖެހުންތައް ކުރިމަތިކުރުވާ ރަންވޭ ތަކެއް ހިމެނޭ ގައުމެކެވެ.

ނޭޕާލްގެ ފަރުބަދަ މަތީ ސަރަހައްދުގައި މޫސުން ވެސް އަވަސް އަވަހަށް ބަދަލުވެގެން ދިއުމުން އުދުހުމަށް ވެސް އެއީ ނުރައްކާތެރި ގައުމެކެވެ.

ނޭޕާލްގެ ވައިގެދަތުރުފަތުރަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ތަމްރީން ދެވޭލެއް މަދުކަމާއި މަރާމާތު ނުކުރެވުން ފަދަ ކަންކަން ހިމެނެ އެވެ.

ނޭޕާލްގެ މިފަދަ ސަލާމަތީ ދޯހަޅި ކަންކަމާހެދި ޔޫރަޕިއަން ޔުނިއަންގެ ސަރަހައްދުގައި ނޭޕާލްގެ އެއްވެސް މަތިންދާ އުޅަނދެއް ބޭނުން ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.