ދުނިޔެ

ނޭޕާލުގެ މަތިންދާ ބޯޓު ހާދިސާގައި އެންމެން މަރުވި ކަމަށް ލަފާކޮށްފި

ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިނގި އެންމެ ބޮޑޮ ވައިގެ ދަތުރުފަތުރުގެ ކާރިސާގައި އިއްޔެ ވެއްޓުނު މަތިންދާ ބޯޓުގެ ހާދިސާގައި އެކަކުވެސް ސަލާމަތްވެފައި ހުރެދާނެކަމާ މެދު އޮތް އުއްމީދު ފަނޑުވަމުންދާ ވކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ވެރިރަށް ކަތުމަންޑޫ އިން ފުރައިގެން ޓޫރިސްޓް ޓައުނެއް ކަމުގައިވާ ޕޮޚާރާ އަށް ދިޔަ މަތިންދާ ބޯޓު ވެއްޓި ހުޅުހިފައި 68 މީހަކު ވަނީ މަރުވެފަ އެވެ.

މަތިންދާ ބޯޓު ވެއްޓެން މެދުވެރިވި ސަބަބަކީ ކޮބައިކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ޔެޓީ އެއާލައިންސްގެ މި ބޯޓު އެއާޕޯޓަށް ޖައްސަން އައިއިރު ކޮންޓްރޯލުން ނެއްޓި ސީދާ އަރިއަޅާލައިގެން ދިޔަތަން މޯބައިލް ފޯން ފުޓޭޖަކުން ފެނެ އެވެ. ޑޮމެސްޓިކް މި ފްލައިޓުގައި 72 ޕެސެންޖަރުންނާއި އެކު ކުރޫ ދަތުރުކުރި އެވެ.

ނޭޕާލްގެ އެތަކެއް ސަތޭކަ ސިފައިން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ވަނީ އާދީއްތަ ދުވަހުގެ ރޭގެ އަނދިރިކަން ބޮޑުވެ ހުއްޓާލާފަ އެވެ. ނަމަވެސް ހޯމަ ދުވަހު އަލުން ރެސްކިއު އޮޕަރޭޝަން ވަނީ 300 ސިފައިންނާ އެކު ފަށާފަ އެވެ.

ނޭޕާލްގެ ބޮޑުވަޒީރު ވަނީ މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. އަދި ސަރުކާރުން ވަނީ މި ބޯޓު ވެއްޓުން ހާދިސާ ތަހުގީގު ކުރުމަށް ޕެނަލެއް އެކުލަވާލާފަ އެވެ.

ފަރުބަދަމަތީގެ ހިތްގައިމުކަން ބޮޑު އެހެންނަމަވެސް ވައިގެދަތުރުފަތުރު ކުރުމަށް އުނދަގޫ ހިމާލިޔާގެ ފަރުބަދަތަކުތެރޭގައިވާ ނޭޕާލްއަކީ ވައިގެ ދަތުރުފަތުރުތަކުގެ ނުރައްކާތެރި ހާދިސާތައް ދޭތެރެދޭތެރެއިން މެދުވެރިވާ ގައުމެކެވެ. އެއިގެ މައިގަނޑު ސަބަބަކީ އެ ގައުމުގެ އެއާޕޯޓްތަކުގެ އެކަހެރިކަމާއި މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ފުރޮޅިގެންދާ ނުރައްކާތެރި ހާލަތްތަކެވެ. މީގެ އިތުރުން އާ މަތިންދާ ބޯޓުތައް ހޯދުމަށް އިންވެސްޓް ނުކުރުމާއި ގަވައިދުތަކުގެ ދޯހަޅިކަން ފާއިތުވި ތަނުގައި ވަނީ ފާހަގަވެފަ އެވެ.

މި ބޯޓު ވެއްޓު ސަރަހައްދާ މާދުރު ނޫން ހިސާބެއްގައިވާ ޕޮޚާރާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާފައިވަނީ މިއަހަރު އެވެ.

މި ބޯޓުގައި ދަތުރުކޮށްފައިވވާ 68 ޕެސެންޖަރުންގެ ތެރެއިން ބޭރު ގައުމުތަކުގެ 15 މީހަކު ހިމެނެ އެވެ.

މި ހާދިސާގައި މަރުވި ނޭޕާލް މީހުންގެ އިތުރަށް ހިމެނެނީ ފަސް އިންޑިއާ މީހަކާއި، ހަތަރު ރަޝިއާ މީހަކާއި، ކޮރެއާގެ ދެ މީހަކާއި، އަޔަލޭންޑް، ފްރާންސް، އާޖެންޓީނާ އަދި އޮސްޓްރޭލިއާގެ މީހެކެވެ.