ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމަށް ތިންވަނަ ދައުރަކަށް ޕުޝްޕާ ކަމަލް ދަހަލް ހަވާލުވެވަޑައިގެންފި އެވެ.
ނޭޕާލްގައި މިދިޔަ މަހު ބޭއްވި ބަރުލަމާން އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިފައެއް ނުވެ އެވެ. އެހެންވެ ޕުޝްޕާ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވީ އިދިކޮޅު މައި ޕާޓީ -- ކޮމިއުނިސްޓް ޔުނިފައިޑް މާޒިސްޓް-ލެނިސްޓް (ޔޫއެމްއެލް)އާ އެކު ކޯލިޝަނެއް ހައްދަވައިގެންނެވެ.
ނޭޕާލްގެ ރައީސް ބިދްޔާ ދޭވީ ބަންދާރީގެ އަރިސް ބޭފުޅެއް ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ޕުޝްޕާއަށް ތާއީދު ކުރައްވަ އެވެ.
ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ޕުޝްޕާ ކޯލިޝަން ސަރުކާރެއް އެކުލަވާލެއްވީ ހަތް ސިޔާސީ ޕާޓީއެއް ހިމަނައިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕުޝްޕާ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރުގައި މަގާމުގައި ދެމިހުންނަވާނީ ވަކި މުއްދަތަކަށެވެ. އޭގެފަހުން އިސްތިއުފާ ދެއްވާނެ ކަމަށް ބުނެވެ އެވެ. މިއީ ޕާޓީތަކާ އެކު ސަރުކާރެއް އެކުލަވާލުމަށް ކުރެއްވުނު މަޝްވަރާތަކުގައި ނިންމާފައި އޮތް ނިންމުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ނޭޕާލްގައި އާ ސަރުކާރެއް އެކުލަވާލި ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މަގާމުތަކަކަށް އަދި ބޭފުޅުން އައްޔަންކޮށް ނިމިފައެއް ނުވެ އެވެ.
މާއިސްޓް ގެރިއްލާ ލީޑަރެއްގެ ގޮތުގައި ކުރިން ފާހަގަކުރެވުނު ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިތީ އޮގަސްޓް 15، 2008 އިން މެއި 25، 2009 އަށެވެ. ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ އޮގަސްޓް 4، 2016 އިން ޖޫން 7، 2017 އަށެވެ.
ނޭޕާލް އަކީ ކުރިން ރަސްކަމެއް އޮތް ގައުމެކެވެ. އެގައުމުގެ ރަސްކަން 240 އަހަރު ފަހުން އުވާލުމަށްފަހު ބަރުލަމާނީ ނިޒާމަކަށް ގައުމު ހިންގަން ފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ. ނޭޕާލްގެ ރަސްކަން އުވާލި ފަހުން އެ ގައުމުގައި ސިޔާސީ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.