ދުނިޔެ

ސަރުކާރެއް އެކުލަވާލުން އަވަސްކުރުމަށް އެދިވަޑައިގެންފި

ނޭޕާލްގެ ސިޔާސީ ޕާޓީތައް އެއްވެގެން ހަފްތާއެއްގެ ތެރޭގައި ސަރުކާރެއް އެކުލަވާލުމަށް އެ ގައުމުގެ ރައީސް ބިދްޔާ ދޭވީ ބަންދާރީ އެދިވަޑައިގެންފި އެވެ.

ބަންދާެރީ މިކަމަށް އެދިވަޑައިގަތީ އެ ގައުމުގައި މިދިޔަ މަހު ބޭއްވި ބަރުލަމާނީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޝޭރް ބަހާދުރު ދެބުއާ އިސްކޮށް ހުންނެވި ނެޕާލީ ކޮންގްރެސް ޕާޓީ އަށްވެސް އަދި މައި އިދިކޮޅު ޕާޓީ ނޭޕާލް ކޮމިއުނިސްޓް ޔުނިފައިޑް މާކްސިސްޓް-ލެނިނިސްޓް (ޔޫއެމްއެލް) އަށްވެސް ސަރުކާރެއް އެކުލަވާލާނަމަ ޖެހޭނީ ކުދި ޕާޓީތަކާ މަޝްވަރާކޮށްގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލާށެވެ.

ބަރުލަމާނީ އިންތިހާބުގައި ބޮޑުވަޒީރު ބަހާދުރު ލީޑް ކުރައްވާ ކޯލިޝަނަށް ލިބުނީ 136 ގޮނޑި އެވެ. އިދިކޮޅު ޔޫއެމްއެލް އަށް ކާމިޔާބު ކުރެވުނީ 92 ގޮނޑި އެވެ. ޖުމްލަ 275 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގައި މެޖޯރިޓީ ހޯދައިގެން ސަރުކާރެއް އެކުލަވާލުމަށް ބޮޑުވަޒީރު ބަހާދުރުއަށް ބޭނުންވަނީ ދެ ގޮނޑި އެވެ.

ރައީސް ބަންދާރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގައި އަގުލަބިއްޔަތު ހޯދާ ކޮންމެ ބަޔަކަށްވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ލިބި ބޮޑުވަޒީރު ކަމުގެ މަގާމު ހޯދިދާނެ ކަމަށެވެ.

ބޮޑުވަޒީރު ބަހާދުރުގެ ނެޕާލީ ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ޕްރަކާޝް ޝަރަން މަހާތު ވިދާޅުވީ ޕާޓީތަކާ ވާހަކަދައްކައިގެން އާ ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިމަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ އުމުރުން 76 އަހަރުގެ ބަހާދުރަށް ހަވަނަ ފަހަރަށް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.