ނޭޕާލްގައި ކޮރޯނާވައިރަހާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ނުބަލައި އުދާސްވެފައި ތިބި އާންމުން މަގުތަކަށް ނުކުމެ މަސްލަހަތަށް ގޮވަމުން އެބަ އާދެ އެވެ. އެމީހުންނަށް ބޮޑު ކަމަކަށް ވެގެން އުޅެނީ ބޮޑުވަޒީރު، ކޭޕީ ޝަރުމާ އޯލީ ގާނޫނު ހަދާ މަޖްލީސް އުވާލެއްވުމެވެ.
ޕާލަމެންޓް އުވާލުން ސައްހަ ނޫން ކަމަށް އެމީހުން ގެންދަނީ ބުނަމުންނެވެ. އެކަން އެގޮތަށް ކުރައްވައިފި ނަމަ ގައުމުގައި މަސްލަހަތު ގެއްލިދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. ސަރުކާރުގެ ވިސްނުން އަނބުރައި ގެންދިއުމަށް ބާރު އެޅުމަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ.
ބޮޑުވަޒީރު ކޭޕީ ޝާރުމާ އޯލީ ވިދާޅުވަނީ ސަރުކާރު ތެރޭގައި މަސްލަހަތު ރަނގަޅު ނޫން ކަމަށެވެ. ހިޔާލު ތަފާތުވުން ވަރަށް ބޮޑު ކަމަށާއި ގައުމުގެ ތަރައްގީއަށް ކަމެއް ކުރެއްވެން ނެތް ކަމަށެވެ. ގާނޫނު ހަދާ މަޖްލިސް އަލުން އެކުލަވައިލުން މުހިންމު ވަނީ ގައުމަށް ފައިދާ ބޮޑު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
ގާނޫނުހަދާ މަޖްލިސް އުވާލެއްވުމަށް ބޮޑުވަޒީރު އޯލީ ނިންމެވީ ޑިސެމްބަރު 20 ގަ އެވެ. އިންތިހާބެއް ބާއްވައި މަޖްލިސް އަލުން އެކުލަވާލައްވަން ވަނީ ނިންމަވާފަ އެވެ. އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނީ އޭޕްރީލް 30 އަދި މޭ 10 ގަ އެވެ.
ނޭޕާލްގެ ސިޔާސީ މަސްރަހު އަބަދު ވެސް އޮންނަނީ މޫސުމީ ބަދަލެއްހެއް އޮއި ދެމިދެމި އެވެ. ގަލެއްގައި ފެހިޖަހާލަން ދެން އޮއިވަރު އެއްކޮޅަކަށް މާގިނަ ދުވަހަކު ނޯވެ އެވެ.
ނޭޕާލްގެ މަސްލަހަތަކީ އަވަށްޓެރި ގައުމުތަކަށް ވެސް ބޮޑު ކަންބޮޑުވުމެކެވެ. ޚާއްސަކޮށް ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއިން ބިލިއަން ޑޮލަރުން ނޭޕާލުގައި އިންވެސްޓް ކުރަމުން އަންނައިރު މަސްރަހަށް ފުސް ބުރާފައި އޮތުން ހެޔޮ ފާލަކަށް ނުވާނެ އެވެ. އަނެއް ކޮޅުން ބަސް ނުވިކޭ އޮޑިއެއް އެއްވެސް ކޮޅަކަށް އެރޭނެ ގޮތެއް އިންޑިއާއަކަށް ވެސް ނޯންނާނެ އެވެ.