ދުނިޔެ

އިންޑިއާގެ ދަނޑުވެރިންގެ ހަޅުތާލުގައި ދައުރެއް ނޯންނާނެ: ޕާކިސްތާން

އިންޑިއާ ދަނޑވެރިން ހިންގާ ހަމަނުޖެހުންތަކަށް ޕާކިސްތާނާ ޗައިނާއިން ހިތްވަރުދޭ ކަމަށް ބުނެ ނިއު ދިއްލީން ކުރަނީ އަސާސެއް ނެތް ތުހުމަތެއް ކަމަށް ބުނެ ޕާކިސްތާނުން އިންކާރު ކޮށްފި އެވެ.

ޕާކިސްތާން ފޮރިން މިނިސްޓްރީ ސްޕޯކްސްޕާސަން ޒާހިދު ހަފީޒް ޗައުދުރީ ވިދާޅުވީ މަދަނީ މަސްލަހަތު ފާލުން ނެއްޓުމުން އެ ޒިންމާ އެހެން މީހުންގެ ބޮލުގައި އެޅުވުމަކީ އިންޑިއާއިން ގެންގުޅޭ އަސާސެއް ނެތް އަދި ޒިންމަދާރުކަން ކުޑަ އުކުޅެއް ކަމަށެވެ.

އިންޑިއަން ޔޫނިއަން މިނިސްޓަރު ރައޮސާހެބް ދަންވޭ ވިދާޅުވި ކަމަށް ޗައުދުރީ ވިދާޅުވީ ދަނޑުވެރިން ހިނގާ ހަމަނުޖެހުމުގެ ފަހަތުގައި ތިބީ ޕާކިސްތާނާ ޗައިނާ ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރެއްގެ ކިބައިން މިފަދަ އަލަމެއް ފެނުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.

ރައޮސާހެބް ދަންވޭ މި މޭރުމުން ވާހަކަދައްކަވާފައި ވަނީ މިދިއަ އަހަރު ޑިސެމްބަރު ނުވަވަނަ ދުވަހު ސިއްހީ މަރުކަޒެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓައިމްސް އޮފް އިންޑިއާ އޮންލައިންގައި، ޑިސެމްބަރު 10 ވަނަ ދުވަހު މިނިސްޓަރުގެ މި ވާހަކަތައް ވަނީ ޝާއިއު ކޮށްފަ އެވެ.

ޗައުދުރީ ވިދާޅުވީ އިންޑިއާއަކީ ބޮޑު ގައުމެއް ކަމަށާއި ކުދި ގައުމުތަކަށް ނަމޫނާއަކަށް ވާންޖެހޭ ކަމަށެވެ.

އިންޑިއާ ދަނޑވެރިން މިދިއަ އަހަރު ނޮވެމަބަރުން ފެށިގެން އަންނަނީ އިހްތިޖާޖް ކުރަމުންނެވެ. އެމީހުން ސަރުކާރަށް ގޮވާލަނީ ދަނޑުވެރިކަމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ ބަދަލުތައް އަނބުރާ ގެންދިއުމަށެވެ. ދަނޑުވެރިން ދެކޭ ގޮތުގައި އެ ބަދަލުތަކުގެ ސަބަބުން، އެމީހުން ކުރާ މަސައްކަތުން ރަނގަޅު ފައިދާއެއް އެމީހުންނަކަށް ނުލިބޭނެ އެވެ.

އިންޑިއާ ސަރުކާރުން ދަނޑުވެރިންނަށް ދޭ ނަސޭހަތަކީ މަޝްވަރާ ކޮށްގެން ހައްލު ކުރުމެވެ. އެހެން ނަމަވެސް ދަނޑުވެރިންގެ ކިބައިން ހަރުދަނާ އެއްބާރުލުމެއް ނުލިބޭ ކަަމަށް ސަރުކާރުން ބުނެ އެވެ.