އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިންޑިއާއަށް ވަޑައިގެން ހޯމަ ދުވަހު އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންގްއާ ބައްދަލުކުރައްވައިފި އެވެ.
ދެ ވަޒީރުންގެ އެޖެންޑާގައި މަޝްވަރާއަށް ހުރި މައުލޫތަކަށް ބަލާއިރު، ސަރަހައްދީ ވެރިކަމަށް ޗައިނާ ކުރާ ވާދަ އާއި ޕާކިސްތާނުން އިންޑިއާއަށް ޖެއްސުންކުރުން އަދި އެމެރިކާގެ ޖެނެރަލް އިލެކްޓްރިކުން އިންޑިއާގައި ޖެޓް އިންޖީން އުފެއްދުން ހިމެނެ އެވެ.
ނޭޓޯ އޭޝިއާއަށް ފުޅާކޮށް ނޭޓޯގެ މެމްބަރުކަން އިންޑިއާ އަށާއި އޮސްޓްރޭލިއާއަށް ދިނުމަކީ ވެސް ދެ ވަޒީރުން ކުރެއްވި ވަރަށް ނުރައްކާ މަޝްވަރާ އެކެވެ.
އޭޝިއާއަށް ނޭޓޯ ފުޅާކުރުމަކީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ. އެހެން ނަމަވެސް، މި ޖަމާއަތުގައި އޮސްޓްރޭލިއާ ބައިވެރިވެދާނެ ކަމަށް އޮތް ކަންބޮޑުވުމަކީ ސަރަހައްދަށް އޮތް ވަަރަށް ބޮޑު ބިރެކެވެ.
ޗައިނާގެ ސަބަބުން އިންޑިއާއަށް އޮތް ނުރައްކަލަކީ އެމެރިކާއަށް ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެމެރިކާ އާއި ޓައިވާންއާ ދެމެދު އޮތް ގާތް އަސްކަރީ ގުޅުމުގެ ސަބަބުން ޗައިނާ ރުޅިއަރައިގަނެ ކުރާ ކަމެއްގެ ސަބަބުން އިންޑިއާއަށް ނުރައްކާވެދާނެ ކަމަށް ދުރާލާ ވިސްނުމަކީ ވެސް ދެ ގައުމުގެ ދެމެދުގައި ކުރެވެނު މަޝްވަރާއެކެވެ.
އިންޑޯ-ޕެސިފިކް ސަރަހައްދަކީ ވަކި ބައެއްގެ ބާރު ނުހިނގާ -- އެހެން ނަމަވެސް، ބައިނަލްއަގްވާމީ މެރިޓައިމް ގަވާއިދުތަކާ އެއްގޮތަށް އެންމެންނަށް ހުޅުވިފައި އޮތް ސަރަހައްދެއް ގޮތުގައި ބޭއްވުމަށް ބާރުއަޅުއްވާނެ ކަމަށް މި ބައްދަލުވުމުގައި އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.
ޕާކިސްތާނާއި އެމެރިކާއާ ދެމެދު ގޮތް ގުޅުމަކީ އިންޑިއާ ކަންބޮޑުވާ ގުޅުމެކެވެ. ޚާއްސަކޮށް އެމެރިކާގައި އުފައްދާ އަސްކަރީ އާލާތްތައް ޕާކިސްތާނަށް ފޯރުކޮށްދިނުމަކީ ވެސް އިންޑިއާ ވަރަށް ބޮޑަށް ބޮލުގައި ރިހޭ ކަމެކެވެ.
ޒަމާނީ ފައިޓަރު ޖެޓްތަކާއި، ފައިޓަރު ޖެޓްތައް މަރާމާތުކުރަން ބޭނުންވާ ރާޑަރާއި ނެވިގޭޝަން އާލާތްތައް ޕާކިސްތާނަށް ފޯރުކޮށްދިނުމުގައި އެމެރިކާ ގެންގުޅޭ ވިސްނުމާ މެދު ވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ. އަދި ޕާކިސްތާންގެ އެތެރޭގެ ހާލަތާ މެދު ވެސް މަޝްވަރާކުރެވުނެވެ.
އިންޑިއާގައި އެމެރިކާގެ ކުންފުނިތަކުން ހަތިޔާރު އުފެއްދުން ނުވަތަ އަސްކަރީއްޔާއަށް ދަރަޖަކުރެވޭ އާލާތްތައް އުފެއްދުމަކީ ވެސް ދިފާއީ ވަޒީރުން ކުރެއްވި މަޝްވަރާ އެކެވެ. މި ގޮތުން އެމެރިކާގެ ޖެނެރަލް އިލެކްޓްރިކުގެ ގޮތްޕެއް އިންޑިއާގައި ހުޅުވައި ޖެޓް އިންޖީން އުފެެއްދުމާ މެދު ވެސް މަޝްވަރާ ކުރެވުނެވެ.
އެމެރިކާއިން އިންޑިއާއަށް ހުށަހެޅި މި ވިސްނުމަކީ އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތް ގުޅުން ފަނޑުކޮށްލުމުގެ ނިޔަތުގައި ކުރެވުނު މަޝްވަރާއެކެވެ.
ރަޝިއާ އާއި އިންޑިއާއާ ދެމެދު މީގެ ކުރިން ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގައި -- ރަޝިއާގައި އުފައްދާ އަސްކަރީ މޮޑެލްތައް އިންޑިއާގައި އުފައްދަން ވަނީ މަޝްވަރާކޮށްފަ އެވެ.
އަނެއްކޮޅުން ރަޝިއާ އޮތީ އިންޑިއާ ބޭނުން ގޮތަކަށް ފުރުސަތު ހުޅުވާލައި، ރަޝިއާގައި އުފައްދާ މިސައިލުން ދިފާއުވާ ނިޒާމާއި ޖެޓްތަކާ ބެހޭ ސިއްރު މައުލޫމާތު ވެސް އިންޑިއާއާ ހިއްސާކުރާ ގޮތަށެވެ.
އެެހެން ނަމަވެސް، މި ދެ ގައުމުގެ ދެމެދަށް އެމެރިކާ ވަދެ ރަޝިއާއަށް ވުރެ ރަނގަޅު ގޮތް އެެމެރިކާ ހަދައިދޭނެ ކަމަށް ދަނީ ބުނަމުންނެވެ.
އެމެރިކާ އަކީ ކޮންމެ ކަމެއްވެސް އަނގައިން ކުރާ ބައެކެވެ. އަމަލީ ސިފަ ޖެހުން އޮންނަނީ އެ ގައުމަކުން އެމެރިކާއަށް ބައިއަޅާ ނިސްބަތަކުންނެވެ.